ރާއްޖޭގައި ޝީޝާ ބޭނުން ކުރުން އެއްކޮށް މަނާ ކުރުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ އެ ޖަމިއްޔާ އިން ބަލައިގަންނަ މަސައްކަތްތަކެއް ކަމަށެވެ. އަދި އެއީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮ ކަމަށް ކުރެވޭ ރަނގަޅު އިންވެސްޓުމަންޓެއްގެ ގޮތުގައި ވެސް ފާހަގަކުރިއެވެ.

އެ ޖަމިއްޔާ އިން ވަނީ ކުރިޔަށް އޮތް ފަސް އަހަރު ދުންފަތް ކޮންޓްރޯލް ކުރުމަށް އެ ޖަމިއްޔާ އަށް ފެންނަ ލަފާތަކެއް ބަޔާނުގައި ހިމަނައިފައެވެ.

އެގޮތުން މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރުމަށާއި އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށާއި ދުންފަތުގެ އެކިއެކި ފްލޭވާތައް މަނާކޮށް ރާއްޖޭން ޝީޝާ އެއްކޮށް މަނާ ކުރުމަށް ވެސް ހިމަނާފައިވެއެވެ.

ހަކުރު އެކުލެވޭ ބުއިންތަކާއި ޕާމް ތެލާއި ޓްރާންސް ފެޓް ގިނައިން ހުންނަ ކާބޯތަކެއްޗާއި ޕްރޮސެސްކޮށްފައިވާ މަސް ފަދަ ނުރައްކާތެރި ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން. އަދި ދަނޑުވެރިކަމާއި މޭވާ، ތަރުކާރީ އަދި އެހެނިހެން ސިއްހަތަށް ފައިދާހުރި ކާނާ ވިއްކުމުގައި ފިސްކަލް ލުއިތަކެއް ދިނުމަށާއި ދުފުމުގައި ބޭނުންކުރާ ބާވަތްތަކުގައި އަނގައިގެ ކެންސަރުގެ ނުރައްކާ ދައްކުވައިދޭ ގްރެފިކް އިންޒާރު ދިނުން ލާޒިމު ކުރުމަށް ވެސް އެ ބަޔާނުގައި ހިމަނާފައިވެއެވެ.

އެ ޖަމިއްޔާ އިން މިފަދައިން ބުނެފައިވާއިރު ރާއްޖޭން ވަނީ ވޭޕް ބޭނުން ކުރުމާއި އެތަކެތި އެތެރެކޮށް ވިއްކުން އެއްކޮށް މަނާކޮށްފައެވެ. ވޭޕް ރާއްޖޭގައި ބޭނުންކުރުން މަނާކުރިތާ ގާތްގަނޑަކަށް އަހަރަކަށްވާން ގާތްވަނީއެވެ. ސަރުކާރުން ވޭޕް މަނާ ކުރީ ވެސް މެޑިކަލް އެސޯސިއޭޝަނާއި އަދިވެސް އެނޫން ބައެއް ފަރާތްތަކުގެ ލަފާއާވެސް އެކުގައެވެ.