އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވާ "ލޫޓުވާލައިފި" އެއްވުން ހަލަބޮލި ކުރަން މަސައްކަތް ކުރަނީ ސަރުކާރުން ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން ހުކުރު ދުވަހު ބާއްވާ "ލޫޓުވައިފި، ލޫޓުވައިފި" އެއްވުމުގައި ކުށްކުރާ ގްރޫޕްތައް ނެރެ، މާލެތެރެ ހަލަބޮލިކުރަން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެފައި ވާތީ އެކަމާއި ގުޅިގެން އެމްޑީޕީން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނެރެފައިވަނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެއް ކަމަށެވެ.

އެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން އެމްޑީޕީ އިން ވަނީ އަރުވައިފައެވެ.

އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު ފުލުހުންނާ އެ ޕާޓީން ބައްދަލުކޮށްފައިވާނެ ކަމަށާއި އަދި ހަމަ އެ ދުވަހު އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަންގާފައި ވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް އެ ޕާޓީން އަންގާފައި ނުވާނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

"އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަމެވެ. މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން މި ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.

މާލެ ތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ރައީސް މުއިއްޒު އަންގަވައިގެން ހުރަސް ނޭޅުމަށް ވެސް އެޕާޓީގެ ފަރާތުން ދިވެހި ފުލުހުންނަށް ވަނީ ގޮވާލައިފައެވެ.

ފުލުހުންގެ އެ މުޑުދާރު އަމަލުން ދައުލަތުގެ ހުރިހާ އިދާރާއެއް ވެސް މިވަގުތު އޮތީ ރައީސް މުއިއްޒުގެ މުށުތެރޭގައިކަން ސާފުވާ ކަމަށްވެސް އެޕާޓީން ބުންޏެވެ.

އެމްޑީޕީން ބާއްވާ އެއްވުމަކީ ޕީއެންސީ ސަރުކާރުން، ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑާލާ، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ މުއިއްޒުގެ އަތް ދަށަށް ގެނެސް، ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާތުގެ މުށުތެރެއަށް ނަގާފައި ވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ރާވައިގެން ހިންގޭ ސުލްހަވެރި ހަރަކާތެެއް ކަމަށް އެޕާޓީން ބުންޏެވެ.

މިއަދު ފުލުހުންގެ އަމަލުތަށް ބިނާކޮށްފައިވަނީ ޕީއެންސީ ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުންކަން ސާފުވާ ހިނދު، ފުލުހުންގެ ހިދުމަތް ސިޔާސީ ކުރުމަކީ އެ ޕާޓީއިން ކުށްވެރިކުރާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.