މާލޭގެ ބިންތަކުގެ މައުލޫމާތު އެނގޭނެ ގޮތަށް މާލެ ސިޓީ ކައުންސިލުން އޮންލައިން ސިސްޓަމެއް ގާއިމްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކަން އާންމުކޮށްފައި ވަނީ، އެ ކައުންސިލްގައި އެކަމަށް ހާއްސަ ކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނިޒާމުގެ މައުލޫމާތު އެންމެ ފުރަތަމަ ހިއްސާކުރެވިފައި ވަނީ، މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި، ކައުންސިލަރުންނާއި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ބިންތަކުގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ ނިޒާމު މިއަދު އާންމު ކުރެވިގެން ދަނީ މާލެ ސިޓީ ކައުންސިލަށް މިވަގުތު ލިބެން ހުރި ޑޭޓާބޭސްއަށް ބިނާކޮށް ކަމަށެވެ.
އަދި އެ ނިޒާމަކީ މިވަގުތަށް މުޅިން ފުރިހަމަ ނިޒާމަކަށް ނުވިޔަސް، ކުރިއަށް އޮތް ތަނުގައި ރާވާފައިވާ މަސައްކަތްތަކާއެކު އެ ނިޒާމު އިތުރަށް ފުރިހަމަވެ، ޕްލޭންކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ޕްލެޓްފޯމެއްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުޞަސަތު ފަހިވެގެން ދާނެކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މިއީ މާލެ ސިޓީ ކައުންސިލުން "ލޭންޑް އިންފޮމޭޝަން ސިސްޓަމެއް" އާންމުކުރި ފުރަތަމަ ފަހަރެވެ. އެ ސިސްޓަމްގެ ސަބަބުން، މާލެ ސިޓީގެ ގޭބިސީތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް، އެ ބައެއްގެ ގެދޮރާއި ގުޅޭ މައުލޫމާތު ފަސޭހަކަމާއެކު ލިބިގަނެވޭނެއެވެ.
އެ ނިޒާމު އިތުރަށް ފުރިހަމަ ވެގެންދާއިރު ގޯތީގައި ހިންގާ ވިޔަފާރިތަކާއި، ކާރު ގަރާޖް ހުއްދަ ދެވިފައިވާ ނަމަ، އެ މައުލޫމާތުތައް ވެސް އެ ޕޯޓަލްގައި ހިމެނޭނެއެވެ. ނަމަވެސް، އެ މައުލޫމާތުތަކުގައި ޒާތީ މައުލޫމާތުތަކެއް ހުރެދާނެ ކަމަށް ބެލެވޭތީވެ، އެ ޕޯޓަލްގެ ބައެއް މައުލޫމާތު ލިބޭނީ 'އީފާސް' މެދުވެރިކޮށް އެމީހެއްގެ މައުލޫމާތު އެމީހަކަށް އެކަނި ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
ލޭންޑް އިންފޮމޭޝަން ސިސްޓަމް (LIS) މިހާރު ވަނީ، މާލޭގައި ހިމެނޭ ހުރިހާ ކޮށިތަކުގެ ބޮޑުމިނާއި، އެ ކޮށިތަކުގެ ތެރޭގައިވާ ގޯތިތަކުގެ ބޮޑުމިން ފެންނާނެ ގޮތަށް އަޕްޑޭޓު ކުރެވިފައެވެ. މީގެ އިތުރުން، މާލެއާއި ވިލިމާލޭގައިވާ ގެތަކުގެ އަދަދާއި، ސުކޫލުތަކާއި، ފިހާރަތަކާއި، އޮފީސްތަކުގެ މައުލޫމާތުގެ އިތުރުން، ބިން ބޭނުންކުރެވިފައިވާ އެހެނިހެން ބާވަތްތަކުގެ މައުލޫމާތުވެސް ވަކިވަކިން އެ ސިސްޓަމުން ފެންނަން ހުންނާނެއެވެ.
އެ ލޭންޑް އިންފޮމޭޝަން ސިސްޓަމާއެކު، މާލޭގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށާއި، ބިން ބޭނުންކުރެވޭ ގޮތް ސިޓީ ކައުންސިލަށް ދެނެގަތުން އިތުރަށް ފަސޭހަވެގެންދާނެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވަނީ މާލެ ލޭންޑް ޔޫސް ޕްލޭން އަލުން އެކުލަވާލުމަށް ކައުންސިލުން ހުއްދަ ދީފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން މި މަހުގެ ވަނަ ދުވަހު އެ ޕްލޭނަށް އާންމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ ތޮއްޖެހުމަށް ހައްލު ގެންނާނެ ގޮތް ގޮތް އެ ޕްލޭންގައި އޮންނާނެ ކަމަށެވެ.