މާލެ ސިޓީ ކައުންސިލްގެ ލީގަލް ކައުންސިލްގެ މަގާމުގައި ހުރި އަލީ ނަސީރަށް ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަނުގައި އެދިއްޖެއެވެ.
މިކަން ހާމަކުރެއްވީ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނެވެ. އަލީ ނަސީރުގެ މައްޗަށް ފިޔަވަޅު އަޅަން އަންގަވާފައި މިވަނީ މާލޭ މަސްމާރުކޭޓު މައްސަލައާ ގުޅިގެންނެވެ.
މާލޭގެ މަސް މާރުމޭޓު ތަރައްގީ ކުރުމަށް ދެ ކޮންޓްރެކްޓެއް ލިބިފައިވާ ކަމަށާއި އޭގެތެރެއިން އެއް ކޮންޓްރެކްޓު ހަދާފައި އޮތީ މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މީގެތެރެއިން އެއް ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު އަލީ ނަސީރެވެ. މޭޔަރު އާޒިމް އޭރު ވިދާޅުވީ ނަސީރު އޭގައި ސޮއިކުރި ސަބަބާއި އެގޮތަށް ސޮއި ކުރަން ޖެހުނީ ކީއްވެގެންތޯ ބެލުމަށް އޭނާ އަށް މެމޯއެއް ފޮނުވާފައިވާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ނަސީރުއާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެދި ސިވިލް ސާވިސް އަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ އަދިވެސް ސިޓީ ކައުންސިލާއި ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"އަލީ ނަސީރަށް ފިޔަވަޅު އަޅާނީ ސިވިލް ސާވިސް ކޮމިޝަނުން. އެތަނަށް އަޅުގަނޑުމެން [ސިޓީ ކައުންސިލުން] ވާނީ އަންގާފައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް. އަޅުގަނޑުމެން ކައުންސިލަކަށް މިކަހަލަ ކަންތައްތަކުގައި ސިވިލް ސާވިސް މުވައްޒަފަކަށް ފިޔަވަޅެއް ނޭޅޭނެ،" އާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ އާއްމު ޖަލްސާއެއްގައި މީގެކުރިން ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވަނީ މަސް މާރުކޭޓާ ގުޅިގެން ލިބިފައިވާ ދެ ކޮންޓްރެކްޓަކީ ވެސް މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ކަމަށެވެ. އޭގެތެރެއިން އެއް ކޮންޓްރެކްޓަކީ މޭޔަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމަށްފަހު އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމުން މޭޔަރުގެ މަގާމު ހުސްވެފައި އޮތް މުއްދަތުގައި ހަދާފައިވާ ކޮންޓްރެކްޓެއް ކަމަށެވެ.
އެ ކޮންޓްރެކްޓު ހަދާފައި އޮތީ ވެސް ބިޑު ކޮމެޓީގެ ނިންމުމާއި ހިލާފަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި ދެވަނަ ކޮންޓްރެކްޓުން ސިޓީ ކައުންސިލަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވަނީ ދެ ކޮންޓްރެކްޓުގެ އަގުވެސް ކައުންސިލަށް ހިއްސާ ކުރައްވަވައިފައެވެ. އެގޮތުން ފުރަތަމަ ކޮންޓްރެކްޓުގެ އަގަކީ 6.1 މިލިއަން ޑޮލަރު ކަމަށާއި ދެވަނަ ކޮންޓްރެކްޓުގެ އަގަކީ 9.6 މިލިއަން ޑޮލަރު ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަފުޅުގައި ދެވަނަ ކޮންޓްރެކްޓުގައިވާ ފައިސާ އަކީ މަސް މާރުކޭޓު ހެދުމަށް ދޭންޖެހޭ އަގު ކަމަށެވެ. ނަމަވެސް އެއީ ކައުންސިލަށް ދެއްކޭނެ އަގެއް ނޫން ކަމަށާއި އަގު ނުދެއްކިއްޖެ ނަމަ އެ ބިން އަތުލެވޭ ގޮތަށް ކޮންޓްރެކްޓު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.