ގައުމީ ގުރުއާން މުބާރާތުން 1ވަނަ ހޯދާ ދަރިވަރުންނަށް ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ރައީސްގެ ސްކޮލާޝިޕް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެ ކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި އެމަނިކުފާނު އިއުލާން ކުރައްވާފައިވާނެ ކަމަށެވެ.
އެކަން އެގޮތަށް އިއުލާން ކުރެއްވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ރަސްކަލާނގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ވާތީ ކަމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިގޮތުން މިއަހަރުން ފެށިގެން، ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމް ހާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް ދިނުމަށް ވާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އަދި މުޅި މުބާރާތުން ކުރިން ބަޔާން ކޮށްފައިވާ 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެ ކަމަށެވެ.