ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންނަށް ލިބޭ އަދަބު ކުޑަވެގެން ދިއުމުން އެފަދަ ކަންކަން ކުރުމަށް ހިތްވަރު ލިބެމުން އަންނަ ކަމަށާއި އެހެންކަމުން އެފަދަ އަމަލުތައް ހިންގާ މީހުންނަށް ދޭން ޖެހޭނީ އެންމެ ހަރުކަށި އަދަބު ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްގާޒީ އާދަމް މުހައްމަދު މިފަދައިން ވިދާޅުވެފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ހުކުމް އިއްވަމުންނެވެ.

މި މައްސަލައާ ގުޅިގެން ސައީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާއަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ވަނީ މިއަދު އިއްވައިފައެވެ. އެ އަދަބަކީ ގާނޫނުގައި ބަޔާންކޮށްފައިވާ އަސާސީ އަދަބަށްވުރެ ވެސް ބޮޑު ހުކުމެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ދައުލަތުން ވެސް އެދުނީ ސައީދަށް އަސާސީ އަދަބެއް ދިނުމަށެވެ. އަދި ސައީދުގެ ވަކީލުން ވެސް އެގޮތަށް އެދުނެވެ. އެހެންނަމަވެސް ގާޒީ ނިންމީ އެ މައްސަލާގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށެވެ.

އެގޮތަށް އަދަބު ދޭން ގާޒީ ނިންމެވި ސަބަބުތައް ވެސް ކިޔައިދެއްވިއެވެ. އިސްގާޒީ ވިދާޅުވީ ދައުލަތުގެ އިދާރާތަކުގައި މިއަދު ކޮރަޕްޝަން ހިންގުން އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ލިބޭ އަދަބަކީ އެ ހިންގާ އަމަލާ ބަލާއިރު ކުޑަ އަދަބެއް ކަމަށް ވާތީ އެފަދަ އަމަލުތައް ހިންގުމަށް ހިތްވަރު ލިބޭ ކަމަށް އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވިއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި ސައީދުގެ އިތުރުން އެކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ.

އެ އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ޕީޖީން ބުނެއެވެ.