"ވިކްސިޓް ބާރަތު ރަން 2025"ގެ ނަމުގައި ރާއްޖޭގައި ހުންނަ ހައި ކޮމިޝަނުން ހުޅުމާލޭގައި ހާއްސަ ދުވުމެއް ބާއްވައިފިއެވެ.
މި ދުވަން ފެށީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ކައިރިންނެވެ. އަދި މި ދުވުން ނިންމާލާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށެވެ. ހައި ކޮމިޝަނުން ބުނީ ގޮތުގައި މިފަދަ ދުވުމެއް ބޭއްވީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރު ދިނުމަށާއި އިޖުތިމާއީ ރޫހު އާލާ ކުރުމުގެ ބޭނުމުގައެވެ.
އެ ދުވުމުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި، އެހެނިހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އެ ދުވުމުން، ރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ހާމަވެގެން ގޮސްފައިވާ ކަމަށް ހައި ކޮމިޝަނުން ހާމަކުރެއެވެ.
އެ ދުވުމުގައި އާއިލާތަކާއި ދަރިވަރުންނާއި ޕްރޮފެޝަނަލުންނާއި އުމުރުން ދުވަސްވީ މީހުން ވެސް ވަރަށް ޖޯޝާއެކު ބައިވެރިވި ކަމަށް ވެސް ހައި ކޮމިޝަނުން ބުނެއެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން ދެއްކެވި ވާހަކަފުޅުގައި، ވިކްސިތު ބާރަތު ރަން އަކީ ހަމައެކަނި ފިޓްނަސް އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ދުވުމެއް ނޫން ކަމަށާއި، އެ ދުވުމަކީ އެއްބައިވަންތަކަމާއި އެއްބައިވަންތަކަމާއި އުޖާލާ މުސްތަގުބަލެއްގެ ހުވަފެންތައް ހިއްސާކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ދުވުމެއްކަން ފާހަގަކުރެއްވިއެވެ.
މި ހަރަކާތް ނިންމާލީ ދިވެހިންނާއި ވޮލަންޓިއަރުންގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުން ފާހަގަ ކުރަމުންނެވެ. ދުޅަހެޔޮ ދިރިއުޅުމެއް ލިބޭނެ އަދި އެއްބައިވަންތަ މުޖުތަމައުއެއް ބިނާ ކުރެވޭނެ ހަރަކާތްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް އިންތިޒާމު ކުރާނެ ކަމުގައި އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވިއެވެ.
އިންޑިއާ އަށް މިނިވަންކަން ހޯއްދަވައިދެއްވި، އެ ގައުމުގެ "ބައްޕަ" ގެ ގޮތުގައި ގިނަ ސިފަކުރާ، މަހާތުމާ ގާންދީގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ސެޕްޓެމްބަރު 15ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު ދެވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ހަ އިކޮމިޝަނުން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.