މާލޭގެ މަސްމާރުކޭޓުގެ މައްސަލާގައި ސިޓީ ކައުންސިލުން މިއަދު ބާއްވަން އުޅުނު ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފިއެވެ.

މިއީ މި މައްސަލާގައި ސިޓީ ކައުންސިލްގެ ޖަލްސާއެއް ބާއްވަން މަސައްކަތްކުރި ތިންވަނަ ފަހަރެވެ. މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، މުހައްމަދު ސައިފް ފާތިހުއެވެ.

މާލޭގެ މަސް މާރުމޭޓު ތަރައްގީ ކުރުމަށް ދެ ކޮންޓްރެކްޓެއް ލިބިފައިވާ ކަމަށާއި އޭގެތެރެއިން އެއް ކޮންޓްރެކްޓު ހަދާފައި އޮތީ މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މީގެތެރެއިން އެއް ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު އަލީ ނަސީރެވެ. މޭޔަރު އާޒިމް އޭރު ވިދާޅުވީ ނަސީރު އޭގައި ސޮއިކުރި ސަބަބާއި އެގޮތަށް ސޮއި ކުރަން ޖެހުނީ ކީއްވެގެންތޯ ބެލުމަށް އޭނާ އަށް މެމޯއެއް ފޮނުވާފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާއަށް ސައިފް ހުށަހަޅާފައި އޮތީ އަލީ ނަސީރު ކައުންސިލް ޖަލްސާއަށް ހާޒިރުކޮށް ކަން ހިނގާފައިވާ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށެވެ. އަދި އެ ކަމާ ގުޅިގެން އޭނާއާ ދޭތެރޭގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ވެސް މިއަދުގެ ޖަލްސާއަށް ސައިފް ހުށަހަޅުއްވާފައި އޮތެވެ.

ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލަރުން މިއަދުވެސް ޖަލްސާއަށް ހާޒިރު ނުވުމުން ޖަލްސާ ކެންސަލްވީއެވެ. ސައިފް "ހަތާވީސް" އަށް ވިދާޅުވީ މިއީ މަސް މާރުކޭޓު މައްސަލާގައި ޖަލްސާ ނުބޭއްވިގެން ކެންސަލް ކުރި ތިންވަނަ ފަހަރު ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ އާއްމު ޖަލްސާއެއްގައި މީގެކުރިން ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވަނީ އެ ދެ ކޮންޓްރެކްޓަކީ ވެސް މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ކަމަށެވެ. އޭގެތެރެއިން އެއް ކޮންޓްރެކްޓަކީ މޭޔަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމަށްފަހު އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމުން މޭޔަރުގެ މަގާމު ހުސްވެފައި އޮތް މުއްދަތުގައި ހަދާފައިވާ ކޮންޓްރެކްޓެއް ކަމަށެވެ.

އެ ކޮންޓްރެކްޓު ހަދާފައި އޮތީ ވެސް ބިޑު ކޮމެޓީގެ ނިންމުމާއި ހިލާފަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި ދެވަނަ ކޮންޓްރެކްޓުން ސިޓީ ކައުންސިލަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވަނީ ދެ ކޮންޓްރެކްޓުގެ އަގުވެސް ކައުންސިލަށް ހިއްސާ ކުރައްވަވައިފައެވެ. އެގޮތުން ފުރަތަމަ ކޮންޓްރެކްޓުގެ އަގަކީ 6.1 މިލިއަން ޑޮލަރު ކަމަށާއި ދެވަނަ ކޮންޓްރެކްޓުގެ އަގަކީ 9.6 މިލިއަން ޑޮލަރު ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަފުޅުގައި ދެވަނަ ކޮންޓްރެކްޓުގައިވާ ފައިސާ އަކީ މަސް މާރުކޭޓު ހެދުމަށް ދޭންޖެހޭ އަގު ކަމަށެވެ. ނަމަވެސް އެއީ ކައުންސިލަށް ދެއްކޭނެ އަގެއް ނޫން ކަމަށާއި އަގު ނުދެއްކިއްޖެ ނަމަ އެ ބިން އަތުލެވޭ ގޮތަށް ކޮންޓްރެކްޓު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.