ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ފެމެލީ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އިބްރާހީމް މާހިރު އައްޔަންކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކުރެވުނު އިއުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ރ.އަލިފުށި މެޑޯޒް، އަލްއުސްތާޛު އިބްރާހީމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް މިއަދު ބޭއްވުނު އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމައި އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވާ ކަމަށެވެ.
ހައިކޯޓަށް އައްޔަން ކުރެއްވި އިބްރާހީމް މާހިރަށް މަގާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަބްދުﷲ ހަމީދުއެވެ.
އިބްރާހީމް މާހިރުއަކީ ގަތަރު ޔުނިވާސިޓީން ޝަރީއަތާ ގާނޫނުގެ ރޮނގުން ބެޗެލާސް ޑިގްރީ އަދި ވިލާ ކޮލެޖްއިން މާސްޓާ އޮފް ޝަރީއާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 18 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާއިރު، 2005 ނޮވެންބަރު 09 އިން 2008 ސެޕްޓެންބަރު 03 ވަނަ ދުވަހާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން އަދި 2010 ޖަނަވަރީ 19 އިން ފެށިގެން ފެމެލީ ކޯޓުގެ ގާޒީގެ މަގާމު އަދާކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމެވިއިރު އިބްރާހީމް މާހިރު ހުންނެވީ ފެމެލީ ކޯޓުގެ އިސްގާޒީގެ މަގާމުގައެވެ. ފެމެލީ ކޯޓުގެ އިސްގާޒީ ކަމަށް އިބްރާހީމް މާހިރު އައްޔަންކޮށްފައިވަނީ 2022 އޮކްޓޫބަރު 23 ވަނަ ދުވަހުއެވެ.