ސަރުކާރުގެ މަޤްސަދަކީ ރައްޔިތުން ނިކަމެތިކޮށް، އަޅުވެތިކުރުން ކަމަށް ބުނެ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ފާޑުކިޔައްވައިފިއެވެ. މިފަދައިން އޭނާ ވިދާޅުވީ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުންނެވެ.

"މި ސަރުކާރުން ބޭނުންވަނީ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލަން. ކިރިޔާ ދެއިރު ތިން އިރު ކާލައިގެން އުޅެވޭ ވަރަށް ރައްޔިތުން ބައިތިއްބަން،" އަމްރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ރައްޔިތުން އަޅުވެތިކުރުމުގެ ސިޔާސަތެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދީގެން، ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުދައްކައިގެން ރައްޔިތުން އަޅުވެތިކުރަނީ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ގިނަ ދުވަހު ވެރިކަން ދީފިނަމަ، ރާއްޖެ ވަރަށް ނިކަމެތި ހާލަތަކަށް ދާނެއެވެ. އަދި މިހާރުވެސް ސަރުކާރުން ބަޖެޓު ބޭނުންކުރާ ގޮތާމެދު ސުވާލު އުފައްދަވައި، 50 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްދިން ނަމަވެސް، އޭގެ ނަތީޖާއެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އަންދާޒާ ކުރި އަދަދަށްވުރެ އިތުރަށް ޓޫރިސްޓުން ރާއްޖެ އަންނަމުންދާ ކަމަށާއި، ރާއްޖެއަށް ލިބޭ ޑޮލަރުގެ 90 ޕަސެންޓް ބޭނުންކުރަނީ ސަރުކާރުން ކަމަށް އަމްރު ފާހަގަކުރެއްވިއެވެ. ނަމަވެސް ލޯނުތައް ނުދެއްކޭ ކަމަށާއި، "ލާރި އެބަ ލިބެއޭ. އެކަމަކު ލާރި ދާތަނެއް ނޭނގޭ" ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު އޭނާގެ ވާހަކަ ނިންމަވާލެއްވީ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުންނެވެ. "އަމިއްލަ ގައިގައި އައިސް ޖެހުނީމަ ނޫނީ ތަދު އިހްސާސެއް ނުކުރެވޭ" ކަމަށާއި، ނަމަވެސް ކައިރީގައި ތިބޭ މީހުންނަށް ދިމާވާ ކަންކަމަށް އަޅާލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، މި ސަރުކާރާ ދެކޮޅަށް ނުކުތުމަށް ގޮވާލެއްވިއެވެ.