އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީ ނަމަވެސް އެކަން ސަރުކާރުން ކުރާނީ ތ. ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވަނީ ކަނޑޫދޫއަކީ ރާއްޖޭގެ ދަނދުވެރިކަމުގައި މިރުސް ހެއްދުމަށް މުހިއްމު ރަށެއްކަން ފާހަގަކުރައްވައިފައެވެ.
އެމަނިކުފާނު ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ އަގުގައި ގަނެގެން، އެފައިދާ ރައްޔިތުންނަށް ލިބޭ ގޮތަށް އެސްޓީއޯ އިން އެކަން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރަށުގެ ދަނޑުވެރިންނަށް ލިބޭ ފައިދާ އިތުރުކޮށްދިނުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ހަރަދު ކުޑަ ގޮތެއްގައި ކަނޑޫދޫގައި މިރުސް ހެއްދުމަށް މިހާރު ހުރި ދަތިތައް ކުޑަ ކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށެވެ.
ރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ މިހާރު ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު، ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ސަރުކާރުން މަސައްކަތް ރާވާފައިވާ ގޮތާއި، އެމަސައްކަތް ލަސްވަމުންދާ ސަބަބު ސާފުކޮށްދެއްވާފައެވެ.
އެމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައްވައިގެން ނުވަތަ އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދެވުމާމެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރަށު ސްކޫލްގެ އުމުރާނީ މަސައްކަތާއި، ހެލްތު ސެންޓަރުގެ މަސައްކަތް އަދި ކުޅިވަރު ކުޅޭދަނޑުތަކާއި ވަސީލަތްތައް ނިންމައި، އިތުރަށް ފުރިހަމަކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.
ހުރިހާ ރަށެގައި އާރުޓީއެލް ފެރީގެ ހިދުމަތް ފުރިހަމަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަނޑޫދޫއަށް ލުއިފަސޭހަ ގޮތެއްގައި ދަތުރުކުރެވޭނެ ގޮތަކަށް، މިރޭ އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ