ތ. ވިލިފުށި އެއާޕޯޓު ދެ އަހަރާއި ހަމަހުން ނިންމާ އެރަށު ހޮސްޕިޓަލުގެ މަސައްކަތް ގާތްގަނޑަކުން ދޮޅު އަހަރުން ނިންމާާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެއްޖެއެވެ.

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވިލިފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މާދަމާ ރަސްމީގޮތުން ފައްޓަވައި، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް މާދަމާ ޢަމަލީ ގޮތުން ފައްޓަވައި، ގިނަވެގެން އަށާރަ މަސްދުވަސް ތެރޭ، ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، ނިމިފައިހުރި ހައުސިންގ ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ހައްގުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.

ވިލިފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ | ރައީސް އޮފީސް

ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ޙައްލުކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މާދަމާ ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވައި، ބޭންކް އޮފް މޯލްޑިވްސް ވިލުފުށީ ބްރާންޗްގެ ބިންގާވެސް އަޅުއްވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުގެ ހިދުމަތް ލިބޭނޭ ކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަސްއެއް އެ ރަށުގައި ގާއިމުކުރެއްވުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިލިފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ބައެއް ރައްޔިތުން ނިކުމެ: ފޮޓޯ | ރައީސް އޮފީސް

އަދި ކުރިއަށް އޮތްތަނުގައި ރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭ ސޮއިކުރެއްވި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދަވާނީ، ރިންގް ރޯޑުވެސް ހިމެނޭ ގޮތަށް ކަމަށާއި، މިރޭ ސޮއިކުރެއްވި ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ކޯޓެއްގެ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފައްޗެއް އަޅުއްވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުމްރާނީ ގިނަ މަޝްރޫއުތަކެއް ރޭވިފައިވާ މި ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއްވެސް ގާއިމުކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.