އިންސާނީ ހައްޤުތަކަށް އަރައިގަންނަ ޕާކިސްތާން އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ތައްޔާރުވެއްޖެއެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޕާކިސްތާން ފްރީޑަމް އެންޑް އެކައުންޓަބިލިޓީ އެކްޓްގެ ދަށުން، ޕާކިސްތާނުގައި އިންސާނީ ހައްޤުތަކަށް އަރައިގަންނަ އޮފިޝަލުންނާއި، ކޮރަޕްޝަނާއި ފަސާދަ ހިންގާ މީހުންނާއި އަދި ޑިމޮކްރަސީގެ ހަމަތަކަށް ނެގެހެއްޓުމަށް ހުރަހަކަށްވާ ކޮންމެ މީހަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު އެމެރިކާގެ ރައީސަށް ލިބިދެއެވެ.
މި ގާނޫނުގެ ދަށުން މިހާރު ވެރިކަންކުރަން ތިބި މީހުންނާއި، ކުރިން ވެރިކަންކުރި އަދި އަސްކަރިއްޔާގެ އޭރާއި މިހާރުގެ ވެރިންނާ ދެކޮޅަށް ވެސް ފިޔަވަޅު އެޅޭނެއެވެ. އެމެރިކާގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އާއި އިދިކޮޅު ޑިމޮކްރެޓްސްގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތައް ހުރިނަމަވެސް، މި ބިލުގެ މައްސަލައިގައި ދެ ޕާޓީ ވަނީ އެއްގަލަކަށް އަރާފައެވެ. އަދި ޕާކިސްތާނުގައި މިނިވަން އިންސާފުވެރި އިންތިޚާބުތައް ބާއްވައި، ޑިމޮކްރަސީ ދަމަހައްޓަން އެމެރިކާއިން ދޭ އަހައްމިއްޔަތު މިއިން ސާފުވާ ކަމަށް މި ބިލުގެ މަސައްކަތުގައި ބައިވެރިވާ މެމްބަރުން ފާހަގަކުރައްވައެވެ.
މި ބިލް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް ހުށަހެޅުއްވީ ހައުސް ސަބް ކޮމިޓީ އޮން ސައުތު އެންޑް ސެންޓްރަލް އޭޝީއާގެ މުޤައްރިރު، ބިލް ހުއިޒެންގާއެވެ. މިޝިގަންއަށް ނިސްބަތްވާ މި މެމްބަރަކީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެމްބަރެކެވެ. މި ޤާނޫނުގެ ކުރިން، ނިމިދިޔަ އަހަރުގެ ޖޫން މަހު، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ވަނީ ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޕާކިސްތާނުގެ ރައްޔިތުންނަށް ދިނުމަށް ގޮވާލާ ޤަރާރެއްވެސް ފާސްކޮށްފައެވެ. "ޕާކިސްތާނުގައި އިންސާނީ ހައްޤުތަކަށް އަރައިގަތުން އާއްމުކަމަކަށް ވާތަން ބަލަން އެމެރިކާ މަޑުން ނޯންނާނެ" ކަމަށް، މި ބިލް ހައުސް އޮފް ރެޕްރެންޓޭޓިވްސްއަށް ހުށަހެޅުއްވި ހުއިޒެންގާ ވިދާޅުވިއެވެ.