ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ ބްރިޖާއި އުސް އިމާރާތްތައް އެޅި ޓީމު ކަމަށާއި މި ޓީމަކީ ފަހަތަށް ޖެހޭނެ ޓީމެއް ނޫން ކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެ ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ކެބިނެޓުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި އެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މި ސަރުކާރުގައި ހިމެނޭ ވާހަކައެވެ. ރައީސް މުއިއްޒަކީ އެ ސަރުކާރުގެ ހައުސިން މިނިސްޓަރެވެ. ސައީދަކީ އެ ސަރުކާރުގެ ވެސް އިކޮނޮމިކް މިނިސްޓަރެވެ.

"މާލޭގައި މަޑުނުކުރައްވާ ރައްޔިތުންގާތަށް! އޭޓީއެމް ހުޅުވުންވެސް ހަމަކުރިއަށް. މިއީ މިގައުމުގައި ބްރިޖްވެސް އެޅި ޓީމް. ދެ ވަނަ ރަންވޭ އަޅާ، A380 މަރުކާގެ ބޯޓު އައުރަންވޭއަށް ޖެއްސުވި ޓީމް. އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގޫވެސް ކުރި ޓީމް. 25 ބުރީގެ އުސް އިމާރާތްތައްވެސް އެޅި ޓީމް،" ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަކި ކަމެއް ކުޑައޭ، ނުވަތަ ވަކި ކަމެއް މާބޮޑޭ ބުނެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެއްވެސްކަ މެއްގައި ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ޓީމް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

"‏ރައީސްކަމާއި ޑރ. މުއިއްޒު ހަވާލުވީއިރު ގައުމު ދަރުވާލާފައި އޮތީ ފިތްކަނޑައިގެން ދާވަރަށް. ސެޓްލްމަންޓް އެގްރީމެންޓުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ދެ ބިލިއަން ރުފިޔާ... ދަރަނި ދައްކަން ސޮވަރިން ފަންޑަށް މިލިއަނުން ޖަމާވަމުން ދިޔަ ޑޮލަރުވެސް ނަގާ ބޭނުންކޮށްލީ. ދެރައީ އެމްޑީޕީ ނިކުމެ ލޫޓުވާ ވާހަކަ ދައްކާތީ،" އަންނަ މަހު އެމްޑީޕީން ބާއްވާ އެއްވުމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފަސް އަހަރު ވަންދެން "އަންނަނީ އަންނަނީ" ނަމުގައި ބޯޑު އަޅުވައިގެން ވެރިކަން ކުރި ބަޔަކު ފައިބައިގެން ދިޔައިރު ގިނަ ރަށްތަކުގެ ތަރައްގީވެސް ހުރީ ޖެހި ކަޑަވެސް ނުފެންނަ ހިސާބުގައި ކަމަށެވެ. މީގެއިތުރުން ޕްރޮޖެކްޓުތައް ދީފައި ހުރީ ވެސް ނުއަގުގައި ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.