ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އިސްކޮށް ހުރި މީހުންނަށް ބޮޑު ޖަލު ހުކުމެއް އިއްވައިފިއެވެ.
މި މައްސަލާގައި އެންމެ އިސްކޮށް ތިބި ކަމަށް ފުލުހުން މީގެކުރިން ބުނެފައި ވަނީ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާއެވެ.
މި ދެ މީހުންނާއެކު މިކަމުގައި ބައިވެރިވި ކަމަށް ދެން ތުހުމަތު ކޮށްފައި ވަނީ ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝް ދެ މީހުން ކަމަށްވާ އިގުބާލާއި މުހައްމަދު ރިޔާދުއެވެ.
ދައުލަތުން ވަނީ މި ހަ މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފައެވެ. މި ދެ ދައުވާ އަކީ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ލިބޭ ދެ ދައުވާއެވެ.
މި ދައުވާތަކުގެ އިތުރުން އަނަސް އާއި އަސީލްގެ މައްޗަށް އިތުރު ދައުވާތަކެއް ކޮށްފައިވެއެވެ. އެއީ ކެނަބިސް ބޭނުން ކުރުމުގެ ދައުވާއެވެ. ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ރިޔާދުގެ މައްޗަށް ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ކޮށްފައިވެއެވެ.
ހަ މީހުންނަށް ލިބުނު އަދަބުތައް:
- ޝަހީބް އިބްރާހިމް: 50 އަހަރަށް ޖަލަށް ލުމާއި 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
- އަނަސް ހުސައިން: 53 އަހަރަށް ޖަލަށް ލުމާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން
- އަހްމަދު މޫސާ: 50 އަހަރަށް ޖަލަށް ލުމާއި 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
- އަސީލް މާހިރު: 53 އަހަރަށް ޖަލަށް ލުމާއި ހަތަރު މިލިއަން ރުފިޔާއިން ޖުރިމަނާކުރުން
- އިގްބާލް: 50 އަހަރަށް ޖަލަށް ލުމާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން
- މުހައްމަދު ރިޔާދް: 50 އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން
މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިހާ ބޮޑު ޖޫރިމަނާއެއް ކޮށްފައިވާ ފުރަތަމަ ފަހަރެވެ.
މި މައްސަލާގައި ހިމެނޭ އެންމެ އިސް މީހާ ކަމަށް ތުހުމަތު ކުރެވޭ ޝަހީބު ހުކުމް ކުރުމުގެ އަޑު އެހުމަށް ހާޒިރު ނުވެގެން އޭނާ ހޯދުމަށް ފުލުހުން އިއުލާންވެސް ކުރިއެވެ. އަދި އޭނާ ފުލުހަށް ހާޒިރު ނުވެގެން އޭނާގެ އަންހެނުން ހައްޔަރުވެސް ކުރިއެވެ. އަންހެނުން ހައްޔަރު ކުރުމުން ޝަހީބު ވަނީ އަމިއްލަ އަށް ފުލުހަށް ހާޒިރުވެފައެވެ. އަމިއްލަ އަށް ފުލުހަށް ހާޒިރުވުމުން އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.