ގއ. ވިލިނގިލީގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ހާއްސަ ޖަމިއްޔާއެއް އިފްތިތާހުކޮށްފިއެވެ.
"ޙަމްދު ޖަމްޢިއްޔާ"ގެ ނަމުގައި ދީނީ ޖަމިއްޔާއެއް ވިލިނގިލީގައި އުފައްދާފައި ވަނީ އަމިއްލަ ހައިސިއްޔަތުން ވޮލަންޓިއަރ ޓީމެއްގެ ގޮތުގައި ދީނީ ޚިދުމަތްތައް ރަށުގައި ފުޅާކުރުމަށް ޙަރަކާތްތެރިވަމުންދާ ޒުވާން ޓީމެއްގެ ގުޅިގެންނެވެ.
ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގައި "ޙަމްދު ޖަމްޢިއްޔާ" ރަޖިސްޓްރީކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު 10 ވަނަ ދުވަހުއެވެ.
ރަސްމީކޮށް، އެ ޖަމިއްޔާ އިފްތިތާހު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ވިލިނގިލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޖަމިއްޔާ އިފްތިތާހުކޮށް ދެއްވީ ޒުވާން ޝެއިހް އާޒިމް ޚާލިދެވެ.
"ހަމްދު ޖަމިއްޔާ"ގެ ރައީސް އަބްދުﷲ ނައުފަލު ވިދާޅުވީ މިއަހަރު ތެރޭގައި އެ ޖަމިއްޔާގެ ކުރިއަށް ގެންދާނެ އިތުރު ކަންކަން މިރޭ އިއުލާންކޮށްފައިވާނެ ކަމަށެވެ.
އެގޮތުން އަރަބި ބަހުގެ ކްލާސްތަކެއް ކުރިއަށް ގެންދިއުމާއި ކުޑަ ފީއެއް ނަގައިގެން ދެމެހެއްޓެނިވި ގޮތުގައި ގްރުއާން ކްލާސްތަކެއް ހިންގުމާއި ކޮންމެ މަހެއްގައި ދަރުސްތަކެއް ކުރިއަށް ގެންދިއުމަށާއި ހާއްސަ ސަމާލުކަމެއް ދީގެން، ޒުވާން ދަރިވަރުން މިސްކިތަށް އަހުލުވެރިކުރުވުމުގެ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކަމަށް ނައުފަލް ވިދާޅުވިއެވެ.
"ވަރަށް ގިނަ ފަރާތްތަކުން ދީލަތީ އެހީ ލިބޭ. މި ގެންނަ ޝޭހުންގެ ޓިކެޓާއި އެކޮމަޑޭޝަން އާއި މި ހުރިހާ ކަމަކީ ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރި އެއީ. އެކަމަށްޓަކާ އެ ފަރާތްތަކަށް ޝުކުރުވެރިވަން،" ނައުފަލް ވިދާޅުވިއެވެ.
ޖަމިއްޔާ އިފްތިތާހު ކުރުމުގެ ޖަލްސާ ފުރިހަމަކޮށް ނިންމާލެވުނީ ޖަމިއްޔާގެ މެމްބަރުންގެ ހިތްވަރުން ކަމަށާއި އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ޖަމިއްޔާގެ މޮޓޯކަމުގައި ނައުފަލް ވިދާޅުވިއެވެ.