މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ނަމުގައި އިއްޔެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ނުކުރުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.

މީޑިއާ ބިލު ފާސް ކުރުމުން އެމްއެމްސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކާއި އެކު ވެސް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު" ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުނީއްސުރެ، އެ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބާ ކައުންސިލާއި، ނޫސްވެރިންނާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ އެކި ޖަމިއްޔާތަކުން، އެ ބިލަށް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ނުކޮށް ބިލު ފާސްކޮށްފައި ވާތީ، އެ ބިލު ތަސްދީގު ނުކުރެއްވުމަށް އެދި، ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ.

"ފެށުނީއްސުރެ، މި ކައުންސިލުން ފާހަގަ ކުރަމުން އައި އެއް ކަމަކީ، މީޑިއާއާ ގުޅުންހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައި ދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭ ނަމަ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށާއި، ޤައުމީ ފެންވަރުގައި ގިނަ ފަރާތްތަކުގެ ބައިވެރިވުމާ އެކު ދިރާސާކުރުމުގެ މަރުޙަލާއެއް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ހާމަކަން ކުޑަވާ ގޮތައް ކުރިއަށް ގެންދިޔަކަމީ، ބައެއް މަރުހަލާތައް ނަމަކަށް ފުރިހަމަ ކޮށްލުމުގެ ނިޔަތުގައި ކުރެވުނު ކަމެއް ކަމުގައި ދެކެމެވެ،" އެމްއެމްސީން ބުންޏެވެ.

އެކަމުގެ ސަބަބުން، ފަހަށް ފުންކޮށް ވިސްނައި، ރަނގަޅަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލިގެން ދިޔުމަކީ އެތަކެއް މައްސަލަތަކެއް އަލަށް ފެންމަތިވެގެން އަންނާނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އެ ބިލު ޤާނޫނަކަށް ވެއްޖެ ނަމަ، މީޑިއާ ރެގިއުލޭޓްކުރުމުގެ ބަދަލުގައި ކޮންޓްރޯލްކުރެވިގެން ދާނެ ކަމަށާއި އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތަޢާރަފްކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެ ކަމަށް އެމްއެމްސީން ބުންޏެވެ.

"ކޮންމެ ޑިމޮކްރަސީއެއްގެ ވެސް އަސާސީ ތަނބެއްކަމުގައިވާ މިނިވަން ނޫސްވެރިކަމުގެ ތެރެއިން، ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ދެކޮޅަށް ފާރަވެރިވުމުގެ ގޮތުން ކުރެވޭ ތަޙްޤީޤީ އަދި ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަން، ހުއްޓުވުމަށް ބާރު ލިބިގެން ދާނެއެވެ. މިކަން މިހެން ވެއްޖެ ނަމަ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ވަރަށް ބޮޑަށް ދަށްވެގެން ދާނެކަމަށް ޤަބޫލުކުރެވެއެވެ،" އެމްއެމްސީގެ ބަޔާނުގައިވެއެވެ.

މީޑިއާ ބިލު ތަސްދީޤުކުރުމާ އެކު، މުއައްސަސާއެއްގެ ގޮތުގައި އެ ކައުންސިލް އުވިގެންދިޔަ ނަމަވެސް، މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމި އޮންނާނެ ކަމަށާއި މީޑިއާ ކައުންސިލް މެންބަރުން އުންމީދުކުރަނީ، ދިމާވާ ކޮންމެ އަނދިރިކަމެއްގެ ތެރޭގައި ވެސް، އަހަރުތަކެއް ވަންދެން އިންދަމުން އައި ނޫސްވެރިކަމުގެ ގަސްތައް ކުރިލައި ހެދޭނެ އަލި މަގެއް ފެނިގެން ދިއުން ކަމަށް އެމްއެމްސީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.