އެއީ އެންމެ 633 މީހުން ދިރިއުޅޭ ރަށެކެވެ. ގިނަ ބަޔަކު ރީނދޫ ކުލައިން، ނަލަވެގެން ނުކުމެ ތިބީ ބަނދަރުމަތީގައެވެ. ދިގު ސަފެއް ދަމާލާފައި އޮތީ މީގެ ދޮޅު އަހަރެއްހާ ކުރިން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)އަށް މަރުހަބާ ކިއުމަށެވެ. މި ކުޑަ އާބާދީ އުފާވެފައި މި އޮތް ސަބަބު އިބޫ ވަނީ ވިދާޅުވެ ދެއްވާފައެވެ.

"އަޅުގަނޑަށް ބޮޑުފުޅުދޫއިން ފެނުނީ އަޅުގަނޑުމެންގެ ވެރިކަމުގެ ތެރޭގައި މި ރަށަށް ކޮށްދީފައި ހުރި މަސައްކަތްތައް އެބޭފުޅުން ބަލައިގަންނަކަން. ރައްޔިތުން ބޭނުންވާ ކަންތައްތައް، ބޭނުންވާ ގޮތަށް ކުރެވިފައި ހުރިކަމުގެ އުފާ އެބޭފުޅުންނަށް އެބަ ލިބޭ،" ބޮޑުފުޅުދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންނެވުމުގެ ކުރިން އިބޫ ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ބޮޑުފުޅުދޫއަށް ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތަކެއް ފުރިހަމަކޮށްދީފައިވުމާ ގުޅިގެން، އެ ރަށު ކައުންސިލުން ވަނީ ރައީސް އިބޫއަށް އެންމެ މަތީ ހިދުމަތުގެ ޝަރަފު އަރުވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އއ. ބޮޑުފުޅުދޫގައި : ރަށުގެ ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ވިދާޅުވި-- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީ ސަރުކާރުން ބޮޑުފުޅުދޫއަށް ކޮށްދިން ކަންކަން:

  • ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން (އިބޫގެ ވެރިކަމުގައި 80 ނިމިފައި، މިހާރު ހުއްޓިފަ)
  • ބޯފެން ރައްކާކުރާ ނިޒާމް ގާއިމްކުރުން
  • ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުން
  • ބިން ހިއްކުން
  • ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުން
  • މިސްކިތް އިމާރާތްކުރުން
  • އޭޓީއެމް ގާއިމްކުރުން
  • އިންޖީނުގޭގައި ސޯލާ ޕެނަލް ހަރުކުރުން
  • ކުނި މެނޭޖްކުރާ ސާމާނު ފޯރުކޮށްދިނުން
  • އައުޓްޑޯ ޖިމް ގާއިމުކުރުން
  • ކުޑަކުދިންގެ ޕާކް ތަރައްޤީކުރުން
  • އެމްބިއުލާންސް ފޯރުކޮށްދިނުން

މީގެއިތުރުން، ކޮވިޑްގެ ދަތި ދުވަސްވަރު ރަށުގެ 205 ފަރާތަކަށް 5.3 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ބޮޑުފުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ، ޒަމާންތަކެއް ވަންދެން ސަރުކާރުތަކުން ރާއްޖޭގެ އެފަދަ ކުދި އާބާދީގެ ރަށްތައް ހުރީ ބާކީ ކޮށްފައި ކަމަށާއި ބޮޑުފުޅުދޫއިން ފެންނަނީ ސަރުކާރަކުން ކަންކަން ރަނގަޅަށް ތަރުތީބު ވެގެން މަސައްކަތްކުރުމުގެ ނަތީޖާ ކަމަށެވެ.

ހަތަރު ގެސްޓްހައުސް ހިންގަމުންދާ ބޮޑުފުޅުދޫގައި ސަރުކާރަށް އިލްތިމާސްކޮށް އިބޫ ގޮވާލެއްވީ އެ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް ޓަކައި، ސަރުކާރުން އެންމެ އިސްކަންދީގެން ފެނާއި ނަރުދަމާގެ ނިޒާމު މުޅިން ނިންމައިދިނުމަށެވެ.

އއ. ބޮޑުފުޅުދޫއަށް ރައީސް އިބޫ ވަޑައިގަންނަވާތީ ގިނަ ބަޔަކު ބަނދަރަށް ޖަމާވެފައި-- ފޮޓޯ/ އެމްޑީޕީ

އެންމެ ބޮޑު މަޝްރޫއަކީ ލާމަރުކަޒީ ބާރުވެރިކަން ދިނުން

ބޮޑުފުޅުދޫ ކައުންސިލްގެ ރައީސް ޝުޖާޢު އާދަމް ވިދާޅުވީ ރައީސް އިބޫގެ މަސައްކަތުގެ އަގު ވަޒަން ކުރުމަށް އެ ކައުންސިލުން ރަސްމިއްޔާތު ބޭއްވީ ކުޑަ ކުޑަ ކަމެއް ކޮށްދީގެން ނޫން ކަމަށެވެ. އެމަނިކުފާނު ގެންނެވި އެންމެ ބޮޑު މަޝްރޫއަކީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ދެއްވި ބާރު ކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ. ކައުންސިލްތަކުގެ ބަޖެޓް ބޮޑުކޮށްދެއްވީ ރައީސް ސާލިހުގެ ވެރިކަމުގައެވެ. އަދި މައި ސަރުކާރަށް އަތް ނުލެވޭ ގޮތަށް، ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓް ދެއްވަން ފެއްޓެވީ އެމަނިކުފާނުގެ ވެރިކަމުގައެވެ. ކައުންސިލަރުންގެ އަދަދު އިތުރުކޮށް، ކައުންސިލަރުންގެ މުސާރަ ބޮޑުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އުފައްދެއްވީ ވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ.

ރައީސް އިބޫ ވިދާޅުވީ، ރާއްޖޭގެ ތިން ސަރަހައްދުގައި ބައިނަލްއަގްވާމީ އެއާޕޯޓު ގާއިމްކޮށް، ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވާލައި، ކޮންމެ ރަށެއްގައި އިޤްތިޞާދެއް ބިނާކުރުމަށް އެ ރަށެއްގައި ލަފާފުރުމާއި ފެނާއި ނަރުދަމާއާއި ރަނގަޅު ކަރަންޓުގެ ޚިދުމަތް ގާއިމްކުރުމުގެ ނަތީޖާއަކަށްވީ އެ ރަށްތަކުގެ މިހާރު އަކަފޫޓެއްގެ އަގު ބޮޑުވެ، އިޤްތިޞާދީ ހަރަކާތްތައް ފެށިގެން ދިއުން ކަމަށެވެ.

ބޮޑުފުޅުދޫ އިން ފެނިގެން މިދަނީ ހެޔޮވެރިކަމުގެ ފޮނި ނަތީޖާއެވެ. ދާއިމީ ގޮތެއްގައި، ދެމެހެއްޓެނިވި ތަރައްޤީއަށް ވިސްނައި ކޮށްދެއްވި ޚިދުމަތުގެ ނަތީޖާއެވެ. މިއީ ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިގެންދާ ސަބަބެވެ.