ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވްތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިން ކަނޑައަޅުއްވާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް އިތުރު 23 ބާވަތެއް ކުރުމަށް ނިންމައިފިއެވެ.

އެސްޓީއޯ އިން މީޑިއާތަކަށް މިއަދު ބުނީ އިތުރު ކުރެވުނު 23 ބާވަތް ރާއްޖެއަށް އެތެރެކޮށް، ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެސްޓީއޯއާއި ހަވާލު ކުރެވިގެންދިއުމާއި އެކު، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހަމަޖައްސައި، އެ މަސައްކަތް ތަންފީޒް ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

އިތުރު ކުރެވުނު 23 ބާވަތުގެ ކާބޯތަކެތި، ހެޔޮ އަގުގައި، އަބަދުވެސް ބާޒާރުގައި ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން އަރުވައެވެ.

އެގޮތުން ނިމި ދިޔަ ހަފްތާއިން ފެށިގެން އޮރެންޖު ރީޓެއިލް ކޮށް، 35ރ އަށް ކިލޯއެއްގެ ރޭޓުން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވަނީ ބާޒާރަށް ނެރެވިފައެވެ. އަދި ކުރިއަށް އޮތް ހަފްތާގައި އޮރެންޖުގެ ސްޓޮކް އިތުރުކޮށް، އާފަލު ވެސް ބާޒާރަށް ނެރެވިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ކަންކަމަށް ތައްޔާރުވުމަށްޓަކައި އެސްޓީއޯއިން މިހާރު ވަނީ ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ގާއިމް ކޮށްފައެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން މި 23 ބާވާތުގެ ތެރެއިން ރާއްޖޭގައި އުފެއްދޭނެ ބާވަތްތަށް ދެނެގަނެ އެ ބާވަތްތައް ހެއްދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އަދި ބޭރު ފައިސާއަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ރަނގަޅު ފަރޓައިލް ބިންތަކަށް އިންވެސްޓް ކުރެވިގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެސްޓީއޯއަކީ ކާޑުގެ ބާވަތްތައް ކަށަވަރު ކުރުމުގައި ދިގު ތާރީޚަކާއި ތަޖުރިބާ ހުރި ކުންފުންޔެކެވެ. އެކުންފުނީގެ އަމާޒަކީ، މި ބަދަލުގެ ސަބަބުން އަސާސީ ކާބޯތަކެތި ހެޔޮ އަގެއްގައި ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެކަން ކަށަވަރުކޮށްދިނުމެވެ.