މީޑިއާތައް ރެގިއުލޭޓު ކުރުމަށް ކަމަށް ބުނެ ރައްޔިތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަށް ބަންޑާރަ ނާއިބުގެ އޮފީހުން 13 އިސްލާހެއް ހުށަހަޅައިފިއެވެ.
އެގޮތުން ބިލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމަނާފައިވެއެވެ. އަދި މީޑިއާ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލަށް އިސްލާހު ހުށަހަޅައިފައިވެއެވެ.
ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.
ބިލުގެ 21 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް އިންތިހާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުޠެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު އެ މެންބަރުން އިންތިޙާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދިނުމަށްޓަކައި، ބިލަށް އޭޖީގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާއިރު ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގައި، ތެދު މަޢުލޫމާތު ހާމަކުރުމުގެ އިތުރުން، އިންޞާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން ހިމަނާފައިވެއެވެ.
އޭޖީ އޮފީހުން މީޑިއާ ބިލަށް ހުށަހެޅި އެހެން ބައެއް އިސްލާހުތައް:
- ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުން؛
- ބިލުގެ 42 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ "ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު" އުނިކޮށް، "ޢާންމު މަޞްލަޙަތާގުޅޭ މައްސަލަތަކުގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު" ބިލުގައި ހިމެނުމާއި، އެ މިންގަނޑު އިތުރަށް ތަފްޞީލުކުރުން؛
- ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން.
- މީޑިއާއިން ގެނެސްދޭ މަޢުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް އިތުރުކުރުން؛
- ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަޙުޤީޤު ކޮމިޝަނުން ޤާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުޞޫލުތައް ބިލުގައި ހިމެނުން؛
- ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުން؛
- ކޮމިޝަނުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް މާއްދާއެއް ހިމެނުން؛ އަދި
- މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ހިމެނުން.