މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މަސައްކަތް ކުރަމުން އަންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމަށް ވަތް ނޫސްވެެރިން ކޮމެޓީން ނެރުނީ ސިއްރު ބައްދަލުވުމަކަށް ގަވާއިދާ ހިލާފަށް ވަދެ އަޑުގަދަ ކުރުމުން ކަމަަށް ރައްޔިތުން މަޖިލިސް އިދާރާ އިން ބުނެފިއެވެ.
އިއްޔެ ވެސް ބޭއްވި ކޮމެޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ. އިއްޔެގެ ބޭއްވި ބައްދަލުވުން ސިއްރު ކުރަން ނިންމީ ބިލާ ގުޅިގެން އާއްމުން ހުށަހަޅާފައިވާ ހިޔާލުތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާއްމު ވެދާނެ ކަމަށް ބުނެއެވެ. ބައެއް މާއްދާތަކަށް 10-12 ހިޔާލު ލިބިފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު ހުސައިން ރިޒާ ވިދާޅުވިއެވެ.
ކޮމެޓީ ބައްދަލުވުން މިއަދުވެސް ސިއްރުކުރީ ހަމަ އެހެންވެގެނެވެ. އެވަގުތު ކޮމެޓީގައި ތިބި ނޫސްވެެރިން ވަނީ ކޮމެޓީ ސިއްރުކުރީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކަށް ރިއާޔަތްކޮށްތޯ ކޮމެޓީގެ މުގައްރިރުގެ އަރިހުން އަހައިފައެވެ. އެކަމަކު އެ ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ.
ނޫސްވެރިން ކޮމެޓީން މިއަދު ނެރެފައި ވަނީ ގަދަކަމުންނެވެ. އެކަން ދިފާއުކޮށް މަޖިލިސް އިދާރާ އިން ވަނީ އިނގިރޭސި އަދި ދިވެހި ބަހުން އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.
"އިއްޔެ ވެސް ބޭއްވި ކޮމެޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ. އިއްޔެގެ ބޭއްވި ބައްދަލުވުން ސިއްރު ކުރަން ނިންމީ ބިލާ ގުޅިގެން އާއްމުން ހުށަހަޅާފައިވާ ހިޔާލުތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާއްމު ވެދާނެ ކަމަށް ބުނެއެވެ. ބައެއް މާއްދާތަކަށް 10-12 ހިޔާލު ލިބިފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު ހުސައިން ރިޒާ ވިދާޅުވިއެވެ.
ކޮމެޓީ ބައްދަލުވުން މިއަދުވެސް ސިއްރުކުރީ ހަމަ އެހެންވެގެނެވެ. އެވަގުތު ކޮމެޓީގައި ތިބި ނޫސްވެެރިން ވަނީ ކޮމެޓީ ސިއްރުކުރީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކަށް ރިއާޔަތްކޮށްތޯ ކޮމެޓީގެ މުގައްރިރުގެ އަރިހުން އަހައިފައެވެ. އެކަމަކު އެ ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ. ނޫސްވެރިން ކޮމެޓީން މިއަދު ނެރެފައި ވަނީ ގަދަކަމުންނެވެ،'' މަޖިލިސް އިދާރާ އިން ބުންޏެވެ.
މަޖިލިސް އިދާރާއިން ނޫސްވެރިން ނެރުމުން ނޫސްވެރިން އިހުތިޖާޖު ކުރީ ރައީސް އޮފީހުން މީޑިއާތަކަށް ހަދާދީފައިވާ މީޑިއާ ފެންޑާ ކުރިމަތީގައެވެ.
މަޖިލިސް އިދާރާ އިން މިހެން ބުނި ނަމަވެސް މިއަދު ކޮމެޓީއަށް ދިޔަ ނޫސްވެރިން މިކަން ދޮގުކުރެއެވެ.
އެ ނޫސްވެެރިން ބުނީ ކޮމެޓީއަށް ދިޔައިރު ކޮމެޓީ ސިއްރު ކަމަށް ނުބުނާ ކަމަށެވެ. ކޮމެޓީގައި ނޫސްވެރިންނަށް ހާއްސަކޮށް ހުރި ގޮނޑިތަކުގައި ތިއްބާ ކޮމެޓީގެ އިދާރީ މޭޒުން ކޮމެޓީ ސިއްރު ކަމަށް އެންގި ކަމަށާއި ނަމަވެސް ކޮމެޓީ ސިއްރުކުރިކަން ނޭނގޭ ކަމަށް ބުނެފައި ވާނެ ކަމަށް ނޫސްވެރިން ބުންޏެވެ.
ކޮމެޓީން ނިކުތުމަށް ސެކިއުރިޓީން އެދުމުން ކޮމެޓީން ނިކުންނާނީ ކޮމެޓީ ސިއްރުކުރި ސަބަބު މުގައްރިރު އޮޅުންފިލުވައި ދިނުމުން ކަމަށް ބުނެފައިވާނެ ކަމަށް ވެސް ނޫސްވެރިން ބުންޏެވެ.
އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ވަނީ ކޮމެޓީން ނިންމައިފައެވެ.