ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށާއި ކުރީގެ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ ބައެއް އިނާޔަތްތައް އުނި ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ނިންމައިފިއެވެ.

އެކްސްގައި އެމަނިކުފާނު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު މިގޮތަށް ވިދާޅުވެފައި މިވަނީ، މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތަކާއި ގުޅޭ މައުލޫމާތުތަކެއް ވަނީ އާއްމުވެފައެވެ.

އޭގެތެރޭގައި އެއް ދައުރު މެންބަރުކަން ކުރެއްވި ބޭފުޅުންނާއި ދެ ދައުރު މެންބަރުކަން ކުރެއްވި ބޭފުޅުންނަށް ދެމުން އަންނަ އިނާޔަތްތައް ވަނީ އާއްމުވެފައެވެ.

އަދި މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުން އަންނަ ހެލްތު އިންޝުއަރެންސަށް ހަރަދު ކުރަމުން އަންނަ މިންވަރު ވެސް ވަނީ އާއްމުވެފައެވެ.

އެ މައުލޫމާތުތަކަކީ މަޖިލިސް އިދާރާ އަށް އާއްމު ފަރާތަކުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދާފައިވާ މައުލޫމާތުތަކެކެވެ. ގިނަ ބަޔަކު މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅުންނަށް އެހާ ބޮޑެތި ހަރަދުތައް ކުރުމަށް ދެކޮޅު ހަދައެވެ. އަދި އެއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.