ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މެންބަރުންނަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލަން ތާއީދު ކުރައްވާކަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ތާއީދު ކުރައްވައިފިއެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތަކާއި ގުޅޭ މައުލޫމާތުތަކެއް ވަނީ އާއްމުވެފައެވެ.
އޭގެތެރޭގައި އެއް ދައުރު މެންބަރުކަން ކުރެއްވި ބޭފުޅުންނާއި ދެ ދައުރު މެންބަރުކަން ކުރެއްވި ބޭފުޅުންނަށް ދެމުން އަންނަ އިނާޔަތްތައް ވަނީ އާއްމުވެފައެވެ.
އަދި މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުން އަންނަ ހެލްތު އިންޝުއަރެންސަށް ހަރަދު ކުރަމުން އަންނަ މިންވަރު ވެސް ވަނީ އާއްމުވެފައެވެ.
އެ މައުލޫމާތުތަކަކީ މަޖިލިސް އިދާރާ އަށް އާއްމު ފަރާތަކުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދާފައިވާ މައުލޫމާތުތަކެކެވެ. ގިނަ ބަޔަކު މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅުންނަށް އެހާ ބޮޑެތި ހަރަދުތައް ކުރުމަށް ދެކޮޅު ހަދައެވެ. އަދި އެއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
"މުޅި އުމުރު ދައުލަތަށް ހިދުމަތްކޮށްފައި، ސަރުކާރުގެ އިސް މަޤާމުތައް އަދާކޮށްފައި، މިހާރު ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ، ބޭސްފަރުވާ އަށް ‘ސަލާން ޖަހަމުންދާ’ ފަރާތަކާއި ދާދި ފަހުން ދިމާވި. އޭގެ އެތައް ބަޔަކު މިރާއްޖޭގައި ދިރިއުޅޭ. ވަޒީފާއިން ވަކިވުމަށްފަހު އެފަރާތްތަކަށް ނުލިބޭ އިނާޔަތެއް،" ކުޑޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ވީތީ އެ ބޭފުޅަކަށް ވަކި ހާއްސަ ގަދަރަކާއި އިއްޒަތެއް ލިބުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި އެކަން ބަލައެއް ނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
އެކްސްގައި ކުރެއްވި އެ ޕޯސްޓާއެކު ކުޑޫ ވަނީ "ހިދުމަތުގެ އިނާޔަތް ކަނޑާލަން" ގޮވާލައިފައެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުކަން އެއް ދައުރާއި ދެ ދައުރު ކުރައްވާފައިވާ ކުރީގެ މަޖިލިސް މެންބަރުންނަށް ފާއިތުވި 10 އަހަރުގެ ތެރޭގައި 35 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
އަދި ރައްޔިތުން މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 173 މެންބަރެއްގެ ހެލްތު އިންޝުއަރެންސަށް ފާއިތުވި 10 އަހަރުގެ ތެރޭގައި 18.9 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.