ބ. ދޮންފަނު ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމާއި އެރަށު ކައުންސިލުން ދެކޮޅު ހައްދަވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ދޮންފަނު ބިން ހިއްކަން ކުރިން ނިންމީ އެރަށު ރައްޔިތުން އެގޮތަށް އެދުމުން ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އެގްރީމަންޓުގައި ސޮއި ވެސް ކޮށްފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމީކޮށް ދޮންފަނު ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ކަމަށެވެ.
އެކަމާއި ގުޅިގެން ދޮންފަނު ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ބިން ހިއްކުން ކުރިޔަށް ނުގެންދަން ނިންމީ ރައްޔިތުންނާއި ވެސް އަދި ކައުންސިލާއި ވެސް މަޝްވަރާ ނުކޮށް ކަމަށެވެ.
އަދި އެ މަޝްރޫއު ކުރިޔަށް ނުގެންދަން ނިންމީ އެރަށު ރައްޔިތުން އެގޮތަަށް އެދޭތީ ކަމަށް ރައީސް ވިދާޅުވެފައި ވާތީ އެއީ އިތުރުފުޅެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ދޮންފަނުގެ ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއެއް ކަމަށްވާއިރު ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށް މި ފަދަ ނިންމުމެއް ނިންމުމަކީ ރައްޔިތުންނާއި މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
ކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންނާއި ކައުންސިލްގެ އެދުމާ ދެކޮޅަށް އެ ނިންމެވި ނިންމެވުން އަނބުރާ ގެންދިއުމަށާއި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްވެސް ދަތިކަމެއްވާނަމަ އެކަމެއް ހައްލުކޮށްދެއްވައި ރައްޔިތުން އެދިފައިވާ ގޮތަށް ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ވަނީ ގޮވާލައިފައެވެ.
ދޮންފަނުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2011ވަނަ އަހަރުއެވެ. އެއަށްފަހު އެރަށުން ގޯތި ދޫކޮށްފައިނުވާއިރު ސަރުކާރުން ނިންމީ 13 ހެކްޓަރުގެ ބިން ހިއްކާށެވެ. ނަމަވެސް އެރަށުގެ ބިން ހިއްކުމުން އެރަށާއި ޖެހިގެން އޮންނަ ހަނިފަރަށް ގެއްލުން ވާނެތީ ދޮންފަނު ބިން ނުހިއްކަން ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.