ބ. ދޮންފަނުގެ ބިން ހިއްކަން ކުރިން ނިންމަވާފައި އޮތް އޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލު ކުރައްވައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ދޮންފަނު ބިން ހިއްކަން ކުރިން ނިންމީ އެރަށު ރައްޔިތުން އެގޮތަށް އެދުމުން ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އެގްރީމަންޓުގައި ސޮއި ވެސް ކޮށްފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރަސްމީކޮށް ދޮންފަނު ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި ރަށްރަށަށް އެމަނިކުފާނު ވަޑައިގެން ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެއްވެސް ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://x.com/mmuizzu/status/1965285775425356007

"މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ, ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް،" ރައީސް ވިދާޅުވިއެވެ.

ދޮންފަނުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2011ވަނަ އަހަރުއެވެ. އެއަށްފަހު އެރަށުން ގޯތި ދޫކޮށްފައިނުވާއިރު ސަރުކާރުން ނިންމީ 13 ހެކްޓަރުގެ ބިން ހިއްކާށެވެ. ނަމަވެސް އެރަށުގެ ބިން ހިއްކުމުން އެރަށާއި ޖެހިގެން އޮންނަ ހަނިފަރަށް ގެއްލުން ވާނެތީ ދޮންފަނު ބިން ނުހިއްކަން ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.