ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓާޕްލޭނެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމަކު ސަރުކާރުން މިހާރު ފަށާފައިވާ ގައުމީ ތަރައްގީގެ ޕްލޭނުގައި އިންތިހާއަށް ކަންބޮޑުވުންތައް އެބަހުރި ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެޕާޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާކަމަށް ބަޔާންކޮށް، ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ ކިޔާ ކުންފުންޏަކުން މި ޕާޓީއާ ބައްދަލުކުރުމަށް އެދިފައިވާތީ، މިއަދު އެ ކުންފުންޏަށް ޖަވާބު ދީފައި ވާނެ ކަމަށެވެ.
"ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ، ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަމަށް މި ޕާޓީން ގަބޫލުކުރަމެވެ. އެހެން ނަމަވެސް، ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވަމެވެ" ބަޔާނުގައިވެއެވެ.
އެގޮތުން ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅައިފައި ވަނީ ކިހިނެތްކަމާއި، އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައި ވަނީ ކޮން ފަރާތްތަކަކާ ކަން އެނގޭކަށް ނެތް ކަމަށް ވެސް ބަޔާނުގައިވެއެވެ.
"ދެންނެވުނު ފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވުމަށްފަހު، އެއްވެސް ޕްލޭނެއް ނެތި، މިހާރުވެސް އެއަރޕޯޓް އެޅުމާއި، ޢުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނުކުރުމާއި، ފަށައިފައި ނުނިމި އެތައް ކަމެއް ހުރިއިރު، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށައިފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދެއެވެ. އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް ދަނީ އިއުލާނުކުރަމުންނެވެ،" ބަޔާނުގައިވެއެވެ.
އެހެންކަމުން ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމެއް މިހާރަކު ނެތް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އަދި އެކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަކަށް ނުދެކޭ ކަމަށްވެސް އެޕާޓީން ބުންޏެވެ.
ބަޔާނުގައި ބުނީ ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތައް އަމަލުނުކުރުމާއި، ގުޑް ގަވަރނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން މި ވަނީ އާއްމުކަމަށް ވެފައިވާ ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައިހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ބަދަލު ކުރަމުން އަންނަ ކަމަށްވެސް ބަޔާނުގައިވެއެވެ.