ރައްޔިތުން މަޖިލީހުގެ މެންބަރުން ވީއައިޕީ ލައުންޖު ބޭނުން ކޮށްގެން މިއަހަރުގެ މިހާތަނަށް ރައްޔިތުން މަޖިލީހުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.

އެކަމަކު ތަފްސީލް މަޖިލީހުން އާއްމު ކޮށްފައި ވަނީ މަޖިލީހުގެ މެންބަރުން ވީއައިޕީ ލައުންޖު ބޭނުން ކުރި ކަމުގެ މައުލޫމާތު ހޯދުމަށް އާއްމު ފަރާތަކުން ހުށަހެޅި އާރްޓީއައި އަކާއި ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި އެ މައުލޫމާތު މިހާރު ވަނީ އާއްމުވެފައެވެ.

އެ މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނައިން މަޖިލީހުގެ މެންބަރުންގެ ތެރެއިން ވީއައިޕީ ލައުންޖު ބޭނުން ކޮށްފައި ވަނީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމެވެ. ނާޒިމް ވަނީ 133 ފަހަރަކު ވީއައިޕީ ލައުންޖު ބޭނުން ކުރައްވައިފައެވެ. އެއީ މިދިޔަ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ.

ނާޒިމްގެ އެ ދަތުރުތަކުގެ ހަރަދަށް 116،099.18 ރުފިޔާ ހަރަދުވެފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައިވެއެވެ.

ދެވަނަ އަށް އެންމެ ގިނައިން ވީއައިޕީ ލައުންޖް ބޭނުން ކޮށްފައި ވަނީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ)އެވެ. އޭނާ ވަނީ 97 ފަހަރު ވީއައިޕީ ލައުންޖު ބޭނުން ކޮށްފައެވެ. ދަތުރުތަކަށް 84،673.84 ރުފިޔާ މަޖިލީހުން ވަނީ ހަރަދު ކޮށްފައިވެއެވެ.

މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދަކީ ތިންވަނަ އަށް އެންމެ ގިނައިން ވީއައިޕީ ލައުންޖް ބޭނުންކުރި ކަމަށް މަޖިލީހުގެ ތަފާސް ހިސާބުތަކުން ދައްކާ މެންބަރެވެ. އޭނާ ވަނީ 78 ފަހަރަކު ވީއައިޕީ ލައުންޖު ބޭނުން ކޮށްފައެވެ. އެ ދަތުރުތަކަށް މަޖިލީހުން ވަނީ 68،088.24 ރުފިޔާ ހަރަދުކޮށްފައެވެ.