ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި އަގުބޮޑެތި ފްލެޓާއި ގިނަ އަދަދެއްގެ ފައިސާ ލިބިފައި ވާތީ އާއްމު ރައްޔިތުން އެކަމަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަން ފަށައިފިއެވެ.
މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަން ވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ. އެ މުއްދަތު މިދިޔަ މަހުގެ 31ވަނަ ދުވަހަށް ހަމަވެފައިވާއިރު ބައެއް މެންބަރުންގެ މާލީ ބަޔާން ވަނީ އާއްމު ކޮށްފައެވެ.
މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންނަށް އަގުބޮޑެތި ފްލެޓުތައް "ހަދިޔާ"ގެ ގޮތުގައި ލިބިފައިވާއިރު ބައެއް މެންބަރުންނަށް މިލިއަނުން ފައިސާ ހަމަ "ހަދިޔާ"ގެ ގޮތުގައި ލިބިފައި އެބަހުއްޓެވެ.
އެގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް 958،982 ރުފިޔާ ލިބިފައިވާއިރު އެ ފައިސާ އަކީ އެމަނިކުފާނަށް ހެޔޮއެދޭ ފަރާތަކުން ދީފައިވާ ފައިސާ ކަމަށް ބުނެފައިވެއެވެ. އެ ފައިސާ އަކީ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ދަތުރުތަކަށާއި އަދި އެމަނިކުފާނުގެ ކްރެޑިޓު ކާޑުގެ ފައިސާތައް ދެއްކުމަށް ހެޔޮ އެދޭ އެކިއެކި ފަރާތްތަކުން ދެއްވާފައިވާ ފައިސާ ކަމަށް ވެސް މާލީ ބަޔާނުގައި ބުނެފައިވެއެވެ.
ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު (ޝުޖާ) އަށް ހުޅުމާލެއިން ލިބިވަޑައިގެންފައިވާ 3.5 މިލިއަން ރުފިޔާގެ ރޯހައުސް އަކީ ވަޒީފާ އަދާކުރާ ކުންފުނިން ހަދިޔާއެއްގެ ގޮތުގައި ދީފައިވާ ތަނެއް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ. ޝުޖާއު އެންމެ ފުރަތަމަ މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ އަރިހުގައެވެ. މިހާރުވެސް އޭނާ އަކީ ރެޑްވޭވްގެ އެކިއެކި ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅެއްވެސްމެއެވެ.
ހަދިޔާގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ދެން ފައިސާ ލިބިވަޑައިގެން ކަމަށް މާލީ ބަޔާނުން ފެންނަ އަނެއް މެންބަރަކީ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދެވެ. އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން 43،000 ޑޮލަރާއި (663،000 ރުފިޔާ) އާއި 880،000 ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައި ބުނެފައިވާއިރު އެކަމުގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.
ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް ވެސް 225،000 ރުފިޔާ ހެޔޮ އެދޭ ފަރާތަކުން ދީފައި އެބަހުއްޓެވެ. ނަމަވެސް އެ ފައިސާ ދެއްވި ސަބަބެއް ހާމަ ކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އަގުބޮޑެތި ހަދިޔާތަކަށް ހަދަން ޖެހޭ ގޮތް ނިންމަން ޖެހޭ ކަމަށް ބުނެފައެވެވެ.
އެހެން މީހަކު ބުނީ ދައުލަތުގެ އިސް މަގާމެއްގައި ހުންނަ މީހަކަށް "ހަދިޔާ"ގެ ގޮތުގައި ލިބޭނެ އެއްޗެއް އޮވެގެން ނުވާނެ ކަމަށާއި އެއްޗެއް ލިބިއްޖެ ނަމަވެސް އެއީ ދައުލަތުގެ އެއްޗެއް ކަމަށެވެ. އެ އެއްޗެއް އަމިއްލަ އަށް ބޭނުންކޮށްފި ނަމަ އޭގެ ހުކުމަކީ ރިޝްވަތު ކަމަށްވެސް ބުންޏެވެ.