މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ހުރިހާ ނޫސްވެރިން އެ ބައްދަލުވުމުން ނިކުމެއްޖެއެވެ.
އެ ބައްދަލުވުމުން ނޫސްވެރިން ނިކުތީ ބަންޑާރަ ނާއިބު އުޝާމް "ވާހަކަތައް ޓްވިސްޓު" ކުރައްވަނީ ކަމަށް ބުނެއެވެ. އަދި މާކުރިން ހުށަހަޅާފައި އޮތް ޑްރާފްޓަކީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އޮތް ބިލަކާއި އޭޖީ އަޅާ ކިޔަމުން އަންނާތީއެވެ.މ
އެ ބައްދަލުވުމުގައި އުޝާމް ވަނީ މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު ބޭރުކުރަން ނުވަތަ އެ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އުޝާމް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުން ކަމަށެވެ. އަދި އެއީ ސަރުކާރުގެ ވެސް ސިޔާސަތު ކަމަށް އޭނާ ވިދާޅުވިއެވެ. މީޑިއާ ރެގިއުލޭޓު ކުރުމަށް އެންމެ ރަނގަޅު ކަމަކީ ވެސް އެއީ ކަމަށް އުޝާމް ވިދާޅުވިއެވެ.
ހަންނާނު މީގެކުރިން ވެސް މީޑިއާތައް ކޮންޓްރޯލް ކުރުމަށް ބިލެއް ހުށަހެޅިއެވެ. ނަމަވެސް ޕްރެޝަރު ބޮޑުވުމުން ސަރުކާރުގެ އެދުމަށް އެ ބިލު ނެގިއެވެ. އޭޖީ ވިދާޅުވީ އެއާއެކުވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ކަމަށެވެ. އެ މަސައްކަތް އޭޖީއަށް ފުރިހަމަ ނުކުރެވެނީސް އަނެއްކާވެސް ހަންނާނުގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ އަދި އަޅުގަނޑުގެ އޮޕީނިއަން އަކީ މި ހުށަހަޅާފައި އޮތް ބިލު އިތުރަށް ދިރާސާ ކުރުމަށްފަހު ކުރިޔަށް ދެވި ދާނެ ކަމަށް. އަޅުގަނޑެއް ގަބޫލެއް ނުކުރަން ބިލު އަނބުރާ ނަގަން ޖެހޭނެ ކަމަކަށް،" އުޝާމް ވިދާޅުވިއެވެ.
އުޝާމްގެ ވާހަކަ މިހާރު ހުށަހަޅާފައިވާ ބިލަށް ފޯކަސް ކުރުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރެއްވީ ކުރިން ކޮށްފައިވާ މަސައްކަތްތަކެއްގެ ވާހަކަތަކެއް ތިލަ ކުރުމަށެވެ. އޭރު އޭނާ ހުންނެވި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައެވެ.
އުޝާމް ވަނީ 2022ވަނަ އަހަރުގެ ތެރޭގައި އޭރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބިލެއް ޑްރާފްޓުކޮށް 19ވަނަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާ އަށް ހުށަހެޅި ކަމަށް ވިދާޅުވެފައެވެ. އަދި އެ ބިލު މީޑިއާ ކައުންސިލްގެ ލެޓާ ހެޑުގައި ބަންޑާރަ ނާއިބުގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އޭރު އޮތް ބަންޑާރަ ނާއިބުގެ އޮފީހުން ވެސް ދެ ކޮމިޝަން އެއްކޮށްލުމާއި ގުޅޭ ބިލެއްގެ މަސައްކަތް ކުރަމުންދިޔަކަން އެނގިފައިވާ ކަމަށާއި ނަމަވެސް 19ވަނަ މަޖިލިސް ނިމުނުއިރުވެސް އެ މަސައްކަތް ފުރިހަމަ ނުވާ ކަމަށް އުޝާމް ވިދާޅުވިއެވެ. އޭނާ ބަންޑާރަ ނާއިބުގެ އޮފީހާ ހަވާލުވެވަޑައިގެންނެވިއިރު އެ ބިލާ ގުޅޭ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރިކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭން ބޭރާއި ރާއްޖޭގެ ޖަމިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ހުރި ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.
"ދެހާސް ބާވީސް ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އޭރުގެ އެމްއެމްސީން އެބައޮތް އެ ކައުންސިލުން ފޮނުވާފައި އޮތް ޑްރާފްޓެއް އެބައޮތް [ބަންޑާރަ ނާއިބު އޮފީހުގައި]. މީޑިއާ ކައުންސިލުން އޭރު ހުށަހަޅާފައި އޮތް ބިލާ މިހާރު ހުށަހަޅާފައި އޮތް ބިލާ މާބޮޑު ތަފާތު ކަމެއް ނެތް،" މިހާރު ހުށަހެޅިފައި އޮތް ބިލު ދިފާއު ކުރައްވާ އުޝާމް ވިދާޅުވިއެވެ.
ބައްދަލުވުމުގައި ނޫސްވެރިން ދެއްކި ވާހަކަތައް:
- މީގެ ތިން އަހަރު ކުރީން ހުށަހަޅާފައިވާ އޮތް "ޑްރާފްޓެއްގެ" ވާހަކަ ނޫސްވެރިން ނުދައްކާ
- ދައްކަމުން އަންނަނީ ފާޅުކުރާ ކަންބޮޑުވުމަކީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލެއްގެ ވާހަކަ
- ބާ ކައުންސިލުން ބަންޑާރަ ނާއިބުގެ މަގާމު އުނިވުމުން އެއީ ރަނގަޅު ނިންމުމެއް ކަމަށް އުޝާމް ކުރިން ވިދާޅުވި. އެކަމަކު ނޫސްވެރިންނާއި މެދު އެގޮތަށް އަމަލު ނުކުރާތީ ކަންބޮޑުވުންފާޅު ކުރި.
- މި ބިލަކީ ނުރައްކާތެރި ބިލެއް ކަމަށް ހުރިހާ ނޫސްވެރިން އިއްތިފާގުވޭ
- ރެގިއުލޭޓު ކުރުމަށް ދެކޮޅެއް ނުހުދަން، ކަންބޮޑުވުމަކީ ކުއްލިއަކަށް ބިލެއް ހުށަހަޅާ ފާސްކުރަން އުޅޭތީ