ނޫސްވެރިންވީ ޖަލަށްލާންވީ ނޫން ކަމަށާއި ނޫސްވެރިންވީ "އުލު" ބައިންދަން ކަމަށް ވިދާޅުވެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންގެ މުއައްސަސާ އަށް ހުށަހަޅައިފިއެވެ.

އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާއިފް ސޮއި ކުރައްވާ ޕޮލިސް ކޮމިޝަނަރު އިސްމާީލް ނަވީނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރި ނުވުން ހިމެނޭ ކަމަށެވެ.

އެހެންނަމަވެސް އިއްޔެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފަލާހް ވަނީ އިސްލާންދީނުގެ އަސާސްތަކާއި ހިލާފުވެފައި ކަމަށް އެ ޖަމިއްޔާ އިން ގަބޫލުކުރައްވާ ކަމަށް ވެސް ސިޓީގައިވެއެވެ.

އެ ސިޓީގައި ފަލާހް ދެއްކެވި ވާހަކައަކީ މީޑިއާ އާއި ނޫސްވެރިންގެ މައްޗަށް އަނިޔާވެރިވުމާއި އެމީހުންނަށް ޖިސްމާނީ ގެއްލުންދީ ބިރުދައްކާ ހެދުމަށް ހިތްވަރުދީ ދެއްކެވި ވާހަކަތަކެއް ކަމަށްވެއެވެ. އަދި ޒިންމާދާރު ނުފޫޒުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަނިޔާވެރިކަމަށް ގޮވާލާ ދައްކާ މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކުން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތައް ނުހަނު ބޮޑެތި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިގެންދާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އަދި އެކަމަކީ ގައުމުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ކަމެއް ކަމަށްވެސް އެ ސިޓީގައިވެއެވެ.

އެހެންކަމުން ބައެއްގެ މައްޗަށް އަނިޔާވެރިވެ އެމީހުން މެރުމަށް ފަލާހް ގޮވާލެއްވި މައްސަލަ ބަލައި ތަހުގީގު ކުރުމަށް އެމްޖޭއޭ އިން ޕޮލިސް ކޮމިޝަނަރު ނަވީނަށް ފޮނުވި ސިޓީގައިވެއެވެ

ފަލާހް އިއްޔެ މަޖިލިސް ޖަލްސާގައި މީޑިއާތައް "އުލު" ބައިންދަން ޖެހޭ ކަމަށް ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ ފަލާހު އަށް ފާޑު ކިޔަމުންނެވެ.

ފަލާހް މިފަދައިން ވިދާޅުވީ އޭނާއާ ވައްތަރު މީހެއްގެ ފޮޓޯ ބޭނުން ކޮށްގެން އޭނާ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ނޫސްތަކުގައި ހަބަރު ޖެހި ކަމަށް ވިދާޅުވެއެވެ.

"ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން ލާންވީ. އުލުބައިންދަންވީ. އުލުބައިންދަންވީ އިނގޭތޯ ރައީސް. ސީދާ އުލުބައިންދަންވީ އެ ގޮތަށް މަސައްކަތްކުރާ ބޭފުޅުން،" ފަލާހް ވިދާޅުވިއެވެ.