މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ތެރެއަށް ސަރުކާރުން ވަންނަން ބޭނުން ނުވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން މިއަދުވެސް ނޫސްވެރިން ވަނީ ރައީސް އޮފީސް ކައިރިއަށް އެއްވެފައެވެ.
ނޫސްވެރިން ތިބީ ރައީސް އޮފީހުން ނޫސްވެރިންނާއި މީޑިއާތަކަށް ހާއްސަކޮށް ހަދާފައިވާ "މީޑިއާ ފެންޑާ"ގައެވެ. ނޫސްވެރިން ތިބި ތަނަށް އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް ވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަން ފެއްޓެވިއެވެ.
އެގޮތުން ރާއްޖޭގެ ސީނިއާ ނޫސްވެރިއެއް ކަމަށްވާ "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަދި އެޑިޓާސް ގިލްޑްގެ ރައީސް އަހްމަދު ޒާހިރު (ހިރިގާ) ވަނީ ސަރުކާރުން ބޭނުން ވަނީ މީޑިއާތައް "ސެލްފް ރެގިއުލޭޓު" ކުރަންތޯ ނޫނީ ސަރުކާރުގެ ބައިވެރިވުން އެކަމުގައި އޮވެގެން ކުރިޔަށް ގެންދަންތޯ ސުވާލު ކޮށްފައެވެ.
"ސަރުކާރުގެ ބައިވެރިން އޮންނާކަށް ބޭނުމެއް ނުވޭ،" ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީޑިއާތައް ކޮންޓްރޯލް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ހަލީލްގެ ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މަޖިލީހުން އިއްޔެ ބަލައިގެންފައިވާ ބިލު ފާސްވެގެން ދިޔަސް ދާނީ މީޑިއާތަކުގެ ބަސް އަހައިގެން ކަމަށެވެ.
"އަނބުރާ [ބިލު] ގެންދިޔައީއޯ. ކޮބައިތޯ އައުޓްކަމް އަކީ. އެ ބަހުސް ކޮށްގެން އޭގެއިން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ބަލަން ޖެހޭނީ. ރަނގަޅު ނަތީޖާއެއް ނުނިކުމެއްޖިއްޔާ ތިޔަބޭފުޅުން [ނޫސްވެރިން] ޕްރޮޓެސްޓްވެސް ކުރާނެ. އެއަށް އިހުތިޖާޖު ކުރާނެ. ރަނގަޅު ނަތީޖާއެއް ނިކުންނަން ޖެހޭނެ. މީޑިއާއެއް އޮވެގެން ރަނގަޅު ޑިމޮކްރަސީއެއް ހިނގާނީ. މީގަ އެބަހުރި ރަނގަޅު ކަންކަން ވެސް ރަނގަޅު ނޫން ކަންކަން ވެސް،" އަމިއްލަފުޅު ހިޔާލު ކަމަށް ވިދާޅުވެ ހަލީލް ވިދާޅުވިއެވެ.
ބިލުގައިވާ ރަނގަޅު ކަންކަން ކަމަށް ހަލީލް ފާހަގަކުރެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމެވެ. ކޮމިޝަން ބައިޕާސް ކުރުމަށްފަހު ސީދާ ފުލުހަށް ނޫސްވެރިޔާ ނުވަތަ މީޑިއާއެއް ގެންދާ ގޮތަށް ބިލުގައި އޮވެއްޖެ ނަމަ އެއީ ގޯސް ކަމެއް ކަމަށް ހަލީލް ވިދާޅުވިއެވެ.
"ބިލު އިސްލާހު ކުރުމަށް ނޫސްވެރިން އިންޕުޓް ދިނުމުގެ ބަދަލުގައި.... މިގޮތަށް ވާހަކަދެއްކުމަށްވުރެ މޭޒު ކައިރީގައި އެ ވާހަކަ ދައްކައިގެން އިސްލާހު ގެނައުންތޯ... ނޫސްވެރިން ބޭނުން ނުވާ ގޮތަށް އެ ބިލު ފާސްވެއްޖިއްޔާ ނޫސްވެރިން އެގޮތަށް ނުތިއްބަވާނެ،" ހަލީލް ވިދާޅުވިއެވެ.