މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ދިއުމުގެ ބިރު އެބައޮތް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

އެމްއެމްސީން މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ކައުންސިލްގެ ރައީސް ހުސައިން ސަގީފު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ އަދި މިހާރު ބަލައިގެންފައިވާ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅިގެން ދާނެ ކަމަށެވެ.

ނޫސްވެރިންނަށް މީގެ ކުރިން ވެސް އެކި ގޮންޖެހުންތައް އެކި ސިފަސިފައިގައި އަންނަ ކަމަށާއި އެ ކަންކަމަށް ބައެއް ފަހަރު މަޝްވަރާ ކޮށްގެން ހައްލުތަކެއް ގެނެވޭ ކަމަށް ސަގީފު ވިދާޅުވިއެވެ.

އެހެންކަމުން މި ފަހަރުގެ ވެސް އުއްމީދަކީ އެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެދެވޭ ސިފައެއް އައުން ކަމަށް ސަގީފު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްސީގެ މެންބަރު ހަފްސީ ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމާއި ނޫސްވެެރިން ދެކޮޅު ހަދަމުން އަންނަނީ އެ ބިލަކީ މަޝްވަރާއަށްދާ ވަރަށް ވުރެ ވެސް ގޯސް ބިލަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދުގެ އަޅުގަނޑުގެ ކަންބޮޑުވުމަކީ ބިލު ބަލައިގަތުމުގެ މަރުހަލާ އެ ކުރިއަށް ގެންދިޔަ ގޮތް. ނޫސްވެރިންނަށް ބީރު ކަންފަތެއް ދިން ދިނުން،" ހަފްސީ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ވަނީ ބަލައިގެންފައެވެ. ބިލު ބަލައިގަތީ 49 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާއި ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.

ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން ބޭއްވި ޖަލްސާ ފެށުނީއްސުރެއް ނޫސްވެެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ފަހުން ރައީސް އޮފީސް ކައިރީގައި ވެސް މުލީއާގެ ކައިރީގައި ވެސް މުޒާހަރާ ކުރިއެވެ.