ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް މަޖިލީހުގެ ތަޅުމުގައި މިއަދު ތާއީދުކޮށް ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މީޑިއާތައް އުލުބައިންދަން (އަނިޔާވެރިކޮށް މަރުގެ އަދަބު ދޭން) ޖެހޭ ކަމަށް ވިދާޅުވުމަކީ ބިރު ދެއްކުން ކަމަށާއި އެކަމަށް އޭނާ މައާފަ އެދެންޖެހޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.
އެމްޖޭއޭ އިން މިރޭ ބުނީ ފަލާހް މިއަދުގެ މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކަތަކަކީ ނޫސްވެރިންނާއި މީޑިއާތަކަށް ބިރު ދައްކައި އިންޒާރުދީ އެ މީހުންގެ މައްޗަށް އަނިޔާވެރިވުމަށް ހިތްވަރު ދީ ދެއްކި ވާހަކަތަކެއް ކަމަށް އެ ޖަމްއިއްޔާއިން ދެކޭ ކަމަށެވެ.
"އަދި އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑުގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް އޭނާ ގޮވާލައްވާފައި ވާތީ ވެރިކަންކުރާ ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ. އަދި އާންމުކޮށް އެނގޭނެހެން އެވާހަކަތަކާ މެދު އޭނާ މައާފަށް އެދުމަށް ވެސް މި ޖަމްއިއްޔާއިން އިލްތިމާސްކުރަމެވެ،" އެމްޖޭއޭ އިން ބުންޏެވެ.
ފަލާހް މިއަދުގެ މަޖިލިސް ޖަލްސާގައި މީޑިއާތައް "އުލު" ބައިންދަން ޖެހޭ ކަމަށް ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ ފަލާހު އަށް ފާޑު ކިޔަމުންނެވެ.
ފަލާހް މިފަދައިން ވިދާޅުވީ އޭނާއާ ވައްތަރު މީހެއްގެ ފޮޓޯ ބޭނުން ކޮށްގެން އޭނާ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ނޫސްތަކުގައި ހަބަރު ޖެހި ކަމަށް ވިދާޅުވެއެވެ.
"ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން ލާންވީ. އުލުބައިންދަންވީ. އުލުބައިންދަންވީ އިނގޭތޯ ރައީސް. ސީދާ އުލުބައިންދަންވީ އެ ގޮތަށް މަސައްކަތްކުރާ ބޭފުޅުން،" ފަލާހް ވިދާޅުވިއެވެ.
ފަލާހްގެ މި ވާހަކަތައް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ކުށްވެރި ކޮށްފައެވެ.