މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ފަހަތުގައި އޮތީ ސަރުކާރުން ސީދާ ގޮތެއްގައި މިނިވަން މީޑިއާ ކޮންޓްރޯލް ކުރުން ކަމަށް ސީނިއާ ނޫސްވެރިންތަކެއް ވިދާޅުވެއްޖެއެވެ
އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލުމަށްފަހު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނެއް އުފައްދަންޖެހޭނެއެވެ.
އެ ބިލާއި ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ތަފާތު އެކި ޕްލެޓްފޯމުތަކުގައި ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ބިލާއި ދެކޮޅަށް އަންނަނީ އަޑު އުފުލަމުންނެވެ.
ސީނިއާ ނޫސްވެރިންތަކެއް މިއަދު މި ބިލާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަދި އެޑިޓާސް ގިލްޑްގެ ރައީސް އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މުޅި މީޑިއާ ބިލު ފަރުމާކޮށްފައި ވަނީ ނޫސްވެރިންނަށް ޖިނާއީ އަދަބުތައް ލިބިގެން ދާނެ ގޮތަށް ކަމަށެވެ. މީގެއިތުރުން ވަކި މަގުސަދެއް ހާސިލް ކުރުމަށް ހިންގާ މީޑިއާތައް ހުއްޓުވުމުގެ ބާރު އެ ބިލުގެ ދަށުން އުފެދޭ ކޮމިޝަނަށް ލިބިގެންވާ ކަމަށް ޒާހިރު ވިދާޅުވިއެވެ.
"މިސާލަކަށް މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ތެރޭގައި އެކި ފިކުރު ދިރުވޭނެ. އެކި ފިކުރު ދިރުވުން އެއީ މައްސަލައެއް ނޫން އޭގެ ޒާތުގައި. ޕީއެންސީ އަށް ޕީއެންސީގެ ފިކުރު ދިރުވޭނެ، އެމްޑީޕީ އަށް އެމްޑީޕީގެ ފިކުރު ދިރުވޭނެ،" ޒާހިރު ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ތަޖުރިބާކާރު ނޫސްވެރިޔާ އަދި "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ މި ބިލުން ނޫސްވެރިން އަމަލުކުރަން ޖެހޭ ގޮތްތައް ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށެވެ. ބިލު ތައްޔާރު ކުރިއިރު ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތައް ކަމަށްވާ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގާނޫނުތަކަށް ރިއާޔަތް ކޮށްފައި ވާނެ ކަމަށް ބިލު ފަރުމާ ކުރުމުގައި އެހީތެރިކަން ދީފައިވާނެ އަމިއްލަފުޅަށް އިއުތިރާފުވެފައިވާ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެފައިވީ ނަމަވެސް އެއީ އޭނާ ހަމައެކަނި ވާހަކައެއް ކަމަށް މޫސަ ވިދާޅުވިއެވެ.
އޭގެ ބަދަލުގައި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ތައްޔާރު ކޮށްފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން އެހާ ބޮޑަށް ނޯންނަ ގައުމުތައް ކަމަށްވާ މެލޭޝިއާ ފަދަ ގައުމުތަކުގައި ހުންނަ ގާނޫނުތަކުގެ ބައިތައް ހިމަނައިގެން ކަމަށް މޫސަ ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ތަޖުރިބާކާރު ނޫސްވެރިޔާ އަދި "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ސިފަ އެ ބިލު ސިފަ ކުރެއްވީ ވަރަށް ނުބައި މަކަރުވެރި ވިސްނުމެއް އެކަމެއްގައި އެކުލެވިގެން މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްގެ ގޮތުގައެވެ.
ބިލު އެކުލަވާލާފައި ވަނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އަށް ކަމަށް ބިލަށް ތާއީދުކުރާ ބައެއް މަޖިލިސް މެންބަރުން ވިދާޅުވި ނަމަވެސް ބިލު އޮތީ ރައީސުލްޖުމްހޫރިއްޔާ އަށް ބޮޑެތި ބާރުތަކެއް ދީފައި ކަމަށް ފިޔާޒު ފާހަގަކުރެއްވިއެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނުން މައްސަލަ ބަލަން ފަށާފައި ވަގުތުން ޓީޗީ ޗެނަލް ނުވަތަ ނޫސް ބަންދު ކުރެވޭ ގޮތަށް އޮތުމެވެ.
"އެހެންވީމަ މިއީ މިހާރު މިއޮތް ގާނޫނުއަސާސީގެ ހަމަތަކާއި ގާނޫނުތަކާއި ވެސް ހިލާފަށް އެއީ އެމީހަކު ކުށެއް ކުރިކަން ސާބިތު ނުވަނީހެއް އެމީހެއްގެ މައްޗަށް ކިހިނެއްތޯ ފިޔަވަޅު އަޅާނީ،" ފިޔާޒު ވިދާޅުވިއެވެ.
މި ބިލާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވާފައެވެ. ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްތައް ކުރަމުން ގެންދާއިރު ސިޔާސީ ފަރާތްތަކާއި ޖަމިއްޔާތަކާއި އަދި މީޑިއާތަކުން ވެސް އަދާކުރަން ޖެހޭ ޒިންމާތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އެކަން ކުރަން ވާނީ ޒިންމާދާރު ކަމާއެކު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ އެއްވެސް ޝައުގެއް ހުރި ކަމެއް ނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ. އަޅުގަނޑު އެއްވެސް އިރެއްގައި ކުރި ކަމެއްވެސް ނޫން،" މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބިލުގައިވާ ކަންކަން އިސްލާހު ކުރުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕަށް އަންގާފައި ވާނެ ކަމަށެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލު އެކަމުގައި ހިމެނޭ ގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާކަން ޕީއެންސީގެ ޕީޖީއަށް އަންގާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.