ގޭންގެއްކަން ނުވަތަ ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގެއްގެ މެންބަރެއްކަން ކަނޑައެޅުމަށްފަހު، އެފަރާތްތަކުގެ ލިސްޓު ހަދައި ފޮޓޯ އާއްމު ކުރާ ގޮތަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން އިއްޔެ ފެށުމާއެކު އެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ހައި ކޯޓު މެދުވެރިކޮށް، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށް، މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމާއި އަދި އެފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އެ ކުދިންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަދި ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގުރޫޕުތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ކަންކަންވެސް ކުރިއަށްގެންދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
"ހަމައެއާއެކު، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަދިކަމުގެ މައްސަލަތައް ތަހުގީގުކޮށް އެފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތާއި އަދި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީގެން ތަހުގީގު ކުރަމުންގެންދާނެ ވާހަކަވެސް ދަންނަވަމެވެ،" ބަޔާނުގައިވެއެވެ.
މީގެއިތުރުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތާއި އަދި އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުން ކުރަމުން ދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލާ ފާސްކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަމުންދާނެ ފިޔަވަޅުތަކެއް ކަމަށެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ސިފަތަކާއި ކަންކަން ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެފަރާތެއް އެއީ ގޭންގެއްކަން ނުވަތަ ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގެއްގެ މެންބަރެއްކަން ކަނޑައެޅުމަށްފަހ،ު އެފަދަ ފަރާތްތަކާއި ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތުކުރުން ވަނީ މަނާ ކަމެއް ކަމުގައި ކަނޑައަޅައިފައެވެ.
އެހެންކަމުން އެ ބޭނުމަށްޓަކައ،ި އެފަދަ ފަރާތްތައް އެއީ ކޮންބައެއްކަން ރައްޔިތުންނަށާއި އަދި ދިވެހިރާއްޖެއިން ބައިނަލް އަގުވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެނިހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމަށްޓަކައި އެފަދަ ފަރާތްތަކުގެ ފޮޓޯ ހިމެނޭހެން އެފަރާތުގެ މައުލޫމާތު އާއްމު ކުރާނެ ކަމަށް ގާނޫނުގައިވެއެވެ.
ގޭންގު މެންބަރެއް އަދި ގޭންގެއްގެ ލީޑަރެއް ކަމުގައި ކަނޑައަޅަނީ އެކަމަށް ހާއްސަ ސަލާމަތީ ކޮމެޓީއަކުންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީގައި ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސް އާއި ޗީފް އޮފް ޑިފެންސް ފޯސް ހިމެނެއެވެ. އަދި ފުލުހުންނާއި ސިފައިންގެ އިންޓަލިޖެންސްގެ ވެރިޔާވެސް އެ ކޮމެޓީގައި ހިމެނެއެވެ.