މީޑިއާތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލުމަށްފަހު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނެއް އުފައްދަންޖެހޭނެއެވެ.
އެ ބިލާއި ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ތަފާތު އެކި ޕްލެޓްފޯމުތަކުގައި ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ބިލާއި ދެކޮޅަށް އަންނަނީ އަޑު އުފުލަމުންނެވެ.
ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްތައް ކުރަމުން ގެންދާއިރު ސިޔާސީ ފަރާތްތަކާއި ޖަމިއްޔާތަކާއި އަދި މީޑިއާތަކުން ވެސް އަދާކުރަން ޖެހޭ ޒިންމާތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އެކަން ކުރަން ވާނީ ޒިންމާދާރު ކަމާއެކު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ އެއްވެސް ޝައުގެއް ހުރި ކަމެއް ނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ. އަޅުގަނޑު އެއްވެސް އިރެއްގައި ކުރި ކަމެއްވެސް ނޫން،" މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބިލުގައިވާ ކަންކަން އިސްލާހު ކުރުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕަށް އަންގާފައި ވާނެ ކަމަށެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލު އެކަމުގައި ހިމެނޭ ގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާކަން ޕީއެންސީގެ ޕީޖީއަށް އަންގާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން ތިއްބަވާނެއެވެ. ފަސް އަހަރު ދުވަހަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން ތިން މެންބަރަކު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އަނެއް ހަތަރު މެމްބަރުން އިންތިހާބު ކުރާނީ މީޑިއާތަކާއި ނޫސްވެރިންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވާ ގޮތުން ކޮމިޝަނަށް ރައީސަކު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް ނައިބު ރައީސް އައްޔަން ކުރާނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ބިލުގައިވާ މި ބަޔަށް އިޝާރާތް ކުރައްވަވާ ރައީސް ވަނީ މިގޮތަށް މިކަން ނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ އެ އުފެދޭ ކޮމިޝަނުގެ ތެރެއިން ރައީސަކު ކަނޑައެޅުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި މީޑިއާއަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް. މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކީގައި އޮޕަރޭޓު ކުރާ ތަނަކަށް ބަޔަކަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގައި ވެސް އަދި ބެލެހެއްޓުމުގައި ވެސް އެ މަނިކުފާނުގެ ކޮންޓްރޯލެއް ބާއްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވަނީ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރާނީ ޒިންމާދާރު ކަމާއެކީގައި ކަމަށް ވެސް ވިދާޅުވިއެވެ.
ބިލުގައި ބުނެފައިވާ ގޮތުން މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެފަދަ، ނުވަތަ އިއްޒަތާއި ގަދަރަށް އުނި ކަމެއް އަތުވެދާނެފަދަ ނުވަތަ ކޮންމެވެސް ސިފައެއްގައި ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މުޖުތަމައުގައި ބޭނުންކުރުމަށް އެކަށީގެންނުވާ ބަސްތަކާއި އިޝާރާތާއި ހަރަކާތާއި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުން އަދި ޝާއިއު ނުކުރުން ހިމެނެއެވެ.