ގޭންގެއްކަން ނުވަތަ ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގެއްގެ މެންބަރެއްކަން ކަނޑައެޅުމަށްފަހު، އެފަރާތްތަކުގެ ލިސްޓު ހަދައި ފޮޓޯ އާއްމު ކުރާ ގޮތަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.
އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވަވާފައި ވަނީ މިދިޔަ މޭ މަހުގެ 25ވަނަ ދުވަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ސިފަތަކާއި ކަންކަން ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެފަރާތެއް އެއީ ގޭންގެއްކަން ނުވަތަ ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގެއްގެ މެންބަރެއްކަން ކަނޑައެޅުމަށްފަހ،ު އެފަދަ ފަރާތްތަކާއި ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތުކުރުން ވަނީ މަނާ ކަމެއް ކަމުގައި ކަނޑައަޅައިފައެވެ.
އެހެންކަމުން އެ ބޭނުމަށްޓަކައ،ި އެފަދަ ފަރާތްތައް އެއީ ކޮންބައެއްކަން ރައްޔިތުންނަށާއި އަދި ދިވެހިރާއްޖެއިން ބައިނަލް އަގުވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެނިހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމަށްޓަކައި އެފަދަ ފަރާތްތަކުގެ ފޮޓޯ ހިމެނޭހެން އެފަރާތުގެ މައުލޫމާތު އާއްމު ކުރާނެ ކަމަށް ގާނޫނުގައިވެއެވެ.
ގޭންގު މެންބަރެއް އަދި ގޭންގެއްގެ ލީޑަރެއް ކަމުގައި ކަނޑައަޅަނީ އެކަމަށް ހާއްސަ ސަލާމަތީ ކޮމެޓީއަކުންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީގައި ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސް އާއި ޗީފް އޮފް ޑިފެންސް ފޯސް ހިމެނެއެވެ. އަދި ފުލުހުންނާއި ސިފައިންގެ އިންޓަލިޖެންސްގެ ވެރިޔާވެސް އެ ކޮމެޓީގައި ހިމެނެއެވެ.
ގޭންގު މެންބަރުންގެ ލިސްޓުގައި ހިމެނޭ މައުލޫމާތު ކޮންމެ ހަމަހަކުން މުރާޖާ ކުރަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައިވެއެވެ.
އެ ބިލު ތަސްދީގު ކުރެއްވި ދުވަހު ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތައް މީގެކުރިން ނުހުއްޓުވި އޮތީ، މީގެކުރީގެ ސަރުކާރުތަކުން އެކަން ހައްލު ކުރުމަށް "ޕޮލިޓިކަލް ވިލް" ނެތުމުން ކަމަށް ވިދާޅުވެފައެވެ.