އުތުރުތިލަފަޅު (ޔޫޓީއެފް)އިން ގޯއްޗާއި ފްލެޓް ދިނުމަށް މިދިޔަ ސަރުކާރުން ހުޅުވާލި ފުރުސަތުގައި 40،000 މީހުން ކުރިމަތިލި، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވީ ގޮތް ސާފުކޮށްދިނުމަށް ފަހި ޔޫނިއަނުން މިއަދު ސަރުކާރަށް ގޮވާލައިފިއެވެ.
ފަހި ޔޫނިއަން އަދި އުތުރުތިލަފަޅު ޔޫނިއަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ކުރީގެ ސަރުކާރުން އިއުލާން ކުރި ދެވަނަ ބޯހިޔާވަހިކަމުގެ މަޝްރޫއަށް 40،594 މީހަކު ފޯމު ހުށަހެޅި ކަމަށެވެ. އުތުރުތިލަފަޅުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލި އެ ފުރުސަތުގައި ފްލެޓަށް އެދި 21،247 މީހުން ފޯމު ހުށަހެޅި ކަމަށާއި ގޯއްޗަށް އެދި 19،347 މީހަކު ކުރިމަތިލި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕްރެސް ކޮންފަރެންސްގައި ފަހި ޔޫނިއަނުން ވަނީ ޔޫޓީއެފުން ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ސަރުކާރުން ގެޒެޓްކޮށްފައިވާތީ، އެ ލިސްޓު އާންމުކޮށްފައެވެ. ލިސްޓު ގެޒެޓްކުރި އިއުލާނާއި މީހުންގެ ނަންތައް އެ ޕްރެސް ކޮންފަރެންސްގައި ވަނީ އާންމުކޮށްފައެވެ. އަދި ފަހި ޔޫނިއަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އެ ލިސްޓު ލިބޭނެ ގޮތް ވަނީ ހަދާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ގެޒެޓްކޮށްފައިވާ ގޮތަށް ފްލެޓާއި ގޯތި ދިނުމަށް ކަމަށް ފާހަގަ ކުރައްވައި އަލީ ހުސައިން ވިދާޅުވީ ޔޫޓީއެފުން ބޯހިޔާވަހިކަން ކަށަވަރުވި މީހުންގެ ހައްގު މި ސަރުކާރުން ހޯދައިދޭންޖެހޭނެ ކަމަށެވެ.
"ސަރުކާރުން ހީވަނީ ރައްޔިތުން މިހާރު ހަނދާން ނައްތާލައިފިޔޭ. ގެޒެޓުގެ މަތިން ވެސް ހަނދާން ނެތިއްޖެޔޭ. އަޅުގަނޑުމެން ގެޒެޓުގެ މަތިން ހަނދާން މި ކޮށްދެނީ. ސަރުކާރަށް މި ގެޒެޓް އޮތްކަން، ގެޒެޓް ކުރެވިފައިވާ ނަންތަކަން އަޅުގަނޑުމެން މި ސާބިތުކޮށްދެނީ. އެއީ ސަރުކާރުގެ ގެޒެޓް. އެއީ އަޅުގަނޑުމެންގެ ގެޒެޓެއް ނޫން އެއީކީ،" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ގޮވާލެއްވީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުން ހުއްޓާލުމަށްފަހު، ވައުދުވެފައިވާ ގޮތަށް އުތުރުތިލަފަޅާއި ގިރާވަރާއި ގުޅިފަޅާއި އަދި ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.