ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހާ ގުޅިގެން، ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީހުންގެ އަބުރާ އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށެވެ. ކޮންމެ މީހަކަށް އިއްޒަތަކާއި ޝަރަފެއް ލިބިފައިވާފަދައިން، އަނެކާއަށް ވެސް ހަމަ އެވަރަށް އަބުރާ އިއްޒަތް ލިބިގެންވާ ކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ. ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،" މިފަދައިންނެވެ.
މީގެ ކުރިން ރާއްޖޭގައި ދިވެހިވަންތަކަން ފުރިހަމަކަމާއެކު އޮތް ގޮތަށް ކަންކަން ކުރުމުގެ އަޒުމް އާކުރަންޖެހޭ ކަމަށާއި، ރާއްޖެއަކީ ރީތި ސިފަތަކެއް އޮތް ގައުމެއް ކަމަށާއި އެ ސިފަތައް އިޔާދަ ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، "އަތާއި ދޫ ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް. މުސްލިމަކަށް ވީތީ، އަދި އަމުދުން ވަރަށް މުހިއްމު ވާޖިބެއް. އެ ވާޖިބު އަދާކުރުމުގެ އަޒުމް މިއަދު އާ ކުރުމަކީ ގައުމީ ދުވަހެއް ފާހަގަ ކުރާއިރު އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަން ދޭންވީ" ކަމެއް ކަމަށެވެ.
މިއަދު އަނެކާގެ އަބުރާއި އިއްޒަތަށް ބަލާލުމެއް ނެތި، ތިމާ ކުރިއަށް ދެވެނިކޮށް ނިމުނީ ކަމަށް ފާހަގަކުރައްވައި، އެއީ ދިވެހިވަންތަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަނެކާގެ އިއްޒަތާއި ޝަރަފަށް ބެލުމެއް ނެތް. ތިމާ ކުރިއަށް ދެވެނިކޮށް ނިމުނީ. ބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ. އަނެކާއަށް ވަރިހަމަ ކޮންމެ ގޮތެއް ވިޔަސް. އެއީއެއް ނޫން ދިވެހިވަންތަ ކަމަކީ،" ރައީސް ވިދާޅުވިއެވެ.
ގައުމިއްޔަތަކީ ދިވެހިވަންތަކަން އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި ބަހަށް ހުރުމަތްތެރިކޮށް ހިތުމާއި، ރިވެތި އާދަކާދަތަކަށް ހުރުމަތްތެރިކޮށް ހިތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ދިރުވައި އާލާކޮށް ކުރިއަށް އޮތް ޖީލުތަކަށް ގެންދިއުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
އަނެކާގެ މިނިވަންކަމަށް އަރައިގަތުމަކީ ތިމާގެ މިނިވަންކަމެއް ނޫންކަމަށް ވިދާޅުވަމުން، ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި މި ވާހަކަފުޅުތަކަށް ހުރިހާ ދިވެހި ރައްޔިތުން އެއް ވިސްނުމަކަށް އަންނަންޖެހޭ ކަމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ހިޔާލުފާޅުކުރުމުގައި ހައްދެއް އޮންނަންޖެހޭ ކަމަށް ފާހަގަކޮށް ރައީސް ވާހަކަ ދައްކަވާފައި މި ވަނީ މީޑިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ބިލެއް ހުށަހަޅާފައިވަނިކޮށެވެ. މަޖިލީހުގައި އިންނެވި އަމިއްލަ މެމްބަރެއް ކަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ނޫސްބަޔާން ނެރެފައެވެ.