ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް ފްލެޓް އެއްބަސްވުންތަކުގައި ސޮއި ކުރީ 1800 މީހުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.

ފްލެޓް އެއްބަސްވުންތަކުގައި އެފްޑީސީން ސޮއި ކުރަން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މަސައްކަތަށް އެއް މަސްވެފައިވާއިރު، މިހާތަނަށް ސޮއި ކުރަނީ ޖުމްލަ 1826 މީހުން ކަމަށާއި ސޮއި ކުރުމަށް ތާވަލުކޮށްފައި ވަނީ 2774 މީހެއްގެ އެގްރިމެންޓުގައި ކަމަށް އެފްޑީސީން ބުންޏެވެ.

ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުން ކުރިއަށް ގެންދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.

ސަރުކާރުން ބުނެފައި ވަނީ ފްލެޓް އެއްބަސްވުންތަކުގައި ސޮއި ކުރަމުންދަނީ ކުރީގެ ސަރުކާރުން ގެޒެޓްކުރި ލިސްޓަށް ބަލައިގެން، އެ ތަރުތީބުން ކަމަށެވެ.

ނަމަވެސް ޝަރުތު ހަމަނުވާ ކަމަށް ހައުސިން މިނިސްޓްރީން ފަހުން ކަނޑައެޅުމުން، ބައެއް މީހުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ފްލެޓް އެގްރިމެންޓުތަކުގައި ބުނެފައިވާ ގޮތުން ކުއްޔާއި މެއިންޓެނަންސް ފީ ނުދައްކާތާ 30 ދުވަސް ވެއްޖެނަމަ، ނޯޓިސް ދިނުމަށްފަހު ފްލެޓް އަތުލުމަށް ކޯޓަށް ހުށަހަޅާނެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ 9،000 ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ޖެހޭނީ 13،000 ރުފިޔާއެވެ.