"ޗެނަލް13"ގެ ބްރޯޑްކާސްޓިން މިރޭ ހުއްޓާލަން އެންގީ މިދިޔަ ޖެނުއަރީ މަހު އެ ސްޓޭޝަނުން ގެނެސްދިން ރިޕޯޓަކާ ގުޅިގެން، ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން "ވޭކަޕް" ނަމުގައި އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ކުރިއަށްދަނިކޮށް، ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ "ޗެނަލް13"ގެ ހިދުމަތް އެއް ގަޑިއިރަށް ހުއްޓާލަން އަންގާފައެވެ. އެގޮތުން މިރޭ 8 އިން 9އަށް އެ ޗެނަލްގެ ޓްރާންސްމިޝަން މެދުކަނޑާލަން އެ ބްރޯޑްކޮމް އެންގިއެވެ.

ބްރޯޑްކޮމްއިން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ މިރޭ ޗެނަލް13 ގެ ހިދުމަތް މެދުކަނޑާލަން އެންގީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. ހިދުމަތް މެދުކަނޑާލަން އެންގީ އެ ޗެނަލާ ގުޅިގެން އަމިއްލަ އިސް ނެގުމަށް ބްރޯޑްކޮމްއިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ނަމަވެސް އެ ކޮމިޝަނުން ބެލީ ކޮން މައްސަލައެއް ކަމެއް ތަފްސީލުކޮށް ނުބުނެއެވެ.

އެ ކޮމިޝަނުން އާންމުކުރި "ޝަކުވާ ނިންމި ގޮތުގެ ބަޔާން" ބުނީ މިއަހަރުގެ ޖެނުއަރީ 30ގައި ޗެނަލް13އިން ބްރޯޑްކާސްޓްކުރި "އިރާދަން ޙަބަރުގެ ބޮޑު ރިޕޯޓް" ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވެފައިވާ ކަމަށެވެ.

ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާތީ އެ ސްޓޭޝަނުން މައާފަށް އެދުމަށް އެންގި ކަމަށާއި ނަމަވެސް އެ ކޮމިޝަނުން ދިން ނަސޭހަތަށް އިޖާބަދީފައިނުވާތީ، ބްޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން ޗެނަލް13ގެ ހިދުމަތް މިރޭ 8 އިން 9 އަށް މެދުކަނޑާލުމަށް އަަންގާފައިވާނެ ކަމަށެވެ.