އއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އއ. އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތެވެ. އެގޮތުން އެމަނިކުފާނު ވަނީ، ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަނީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ތައާރަފުކުރައްވާފައެވެ. އަދި އެ އަތޮޅު މާޅޮސް، ހިމަންދޫ، ފެރިދޫ އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީގޮތުން ފައްޓަވާފައެވެ.

މީގެ އިތުރުންވެސް، މި ދަތުރުފުޅުގައި ވަނީ އެ އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، އެކި ދާއިރާތަކުން، ތަރައްގީގެ މަސައްކަތްތައް ފައްޓަވައި، މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއި ވެސް ކޮށްފައެވެ. އަދި މި އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސުލްޖުމްހޫރިއްޔާ އެ ރަށްރަށުގެ ރައްޔިތުންނާ ވަނީ ހިއްސާކުރައްވާފައެވެ.