އިންޑިއާ އާއި ޗައިނާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލުތަކެއް ހޯދޭނެ ގިނަ ކަންކަމަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ވާންގް ޔީ އިންޑިއާއިން ދެން ވަޑައިގަތީ އަފްޣާނިސްތާނަށެވެ. އެމަނިކުފާނު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް މިކުރެއްވީ އިންޑިއާއާއި ޗައިނާއާ ދެމެދު ސަރަހައްދީ އިމުގެ މައްސަލައިގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ނައްތާލައި، އެކަންކަމަށް ހައްލު ހޯދުމަށް އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން، ކުރިއަށްދިޔަ މަޝްވަރާތަކަކަށެވެ. މި މަޝްވާރަތައް ކުރެވުނީ އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު އަދި ސަރަހައްދީ އިމުގެ މައްސަލައިގައި ޗައިނާއާ މަޝްވަރާކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ކަނޑައަޅުއްވާފައިވާ ހުންނަވާ ޚާއްސަ މަންދޫބު އަޖިތު ދޯވާލް އާއެކުއެވެ.

ނިއު ދިއްލީގައި އޮތް މި މަޝްވަރާތަކުގައި، ސަރަޙައްދީ ރޮނގުގެ މައްސަލަ ހައްލުވަންދެން ވެސް އެކި ފަންތީގައި އަސްކަރީ އަދި ޑިޕްލޮމެޓިކް އޮފިޝަލުންނަށް ވާހަކަ ދެކެވޭނެ ނިޒާމުތަކެއް ގާއިމްކުރުމަށް ދެގައުމުން ވެސް އެއްބަސްވިއެވެ. އަދި ސަރަހައްދީ ރޮނގުގެ ދެފަޅީގައިވެސް ހަމަޖެހުމާއި ސުލްހަ ބޭއްވުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށް އެއްބަސްވެ، އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ދެގައުމުންވެސް އެއްބަސްވިއެވެ.

ހަމައެއާއެކު މަޝްވަރާތަކުގެ ދެން އޮތް ބުރު ޗައިނާގައި ބޭއްވުމަށްވެސް ދެގައުމުން އެއްބަސްވިއެވެ. ވާންގް ޔީ ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައިވެސް ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ވަރުގަދަކުރުމާއި ބެހޭ ގޮތުން މުހިއްމު މަޝްވަރާތަކެއް ކުރެވުނެވެ. އެގޮތުން އަންނަ އަހަރު ބާއްވާ ބްރިކްސް ސަމިޓް އިންޑިއާގައި ބޭއްވުމަށް ޗައިނާއިން ތާއީދުކުރުމަށާއި، ޖެހިގެން އަންނަ އަހަރު ޗައިނާގައި ސަމިޓް ބޭއްވުމަށް އިންޑިއާއިން ތާއީދުކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ. އަދި ދެގައުމުގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ހޯދުމަށާއި، އެހައްލުތައް ހޯދުމަށް ބޭނުންވާ މަޝްވަރާގެ ނިޒާމުތައް އެކުލަވާލުމަށްވެސް ދެ ޚާރިޖީ ވަޒީރުން އެއްބަސްވެވަޑައިގަތެވެ. ހަމައެއާއެކު ދެގައުމުގެ މެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް މިއަހަރު ދެގައުމުގައިވެސް ހަރަކާތްތަކެއް ބޭއްވުމަށްވެސް މަޝްވަރާކުރެވުނެވެ.

ވާދަވެރި މި ދެގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އެންމެ މުހިއްމު އެއްކަމެއްގައި ގޮތުގައި ކުރެވުނު މަޝްވަރާއަކީ ދެގައުމުގެ މެދުގައި މެދުކަނޑާލާފައިވާ ސީދާ ވައިގެ ދަތުރުފަތުރު އަލުން ފެށުމެވެ. 2020 ވަނަ އަހަރު ދެގައުމުގެ ސަރަހައްދީ އިމުގައި ހިނގި ކުރިމަތިލުންތަކަށްފަހު ދެގައުމުގެ މެދުގައި ސީދާ ވައިގެ ދަތުރުފަތުރު މެދުކަނޑާލައި، ދެގައުމުގެ ގުޅުން މިއިން ޒަމާނަކު ގޯސްނުވާ މިންވަރަށް ވަނީ ގޯސްވެފައެވެ. އަދި ދެގައުމުގެ ބޯޑަރު ހުރަސްތައް ބަންދުކޮށް، ދެގައުމުގެ މެދުގައި އެއްގަމު މަގުން ކުރެވޭ ވިޔަފާރިވެސް ހުއްޓާލިއެވެ. ވާންގް ޔީ އާއި ޖައިޝަންކަރުގެ މަޝްވަރާތަކުގައި 3 ދިމާއަކުން ބޯޑަރު ހުޅުވާލައި، ވިޔަފާރިކުރަން ފުރުސަތު ހުޅުވާލަން އެއްބަސްވިއެވެ.ވާންގް ޔީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތަކަށްފަހުއެވެ.