މާލޭގެ މަސް މާރުމޭޓު ތަރައްގީ ކުރުމަށް ދެ ކޮންޓްރެކްޓެއް ލިބިފައިވާ ކަމަށާއި އޭގެތެރެއިން އެއް ކޮންޓްރެކްޓު ހަދާފައި އޮތީ މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ އެ ދެ ކޮންޓްރެކްޓަކީ ވެސް މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ކަމަށެވެ. އޭގެތެރެއިން އެއް ކޮންޓްރެކްޓަކީ މޭޔަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމަށްފަހު އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމުން މޭޔަރުގެ މަގާމު ހުސްވެފައި އޮތް މުއްދަތުގައި ހަދާފައިވާ ކޮންޓްރެކްޓެއް ކަމަށެވެ.
އެ ކޮންޓްރެކްޓު ހަދާފައި އޮތީ ވެސް ބިޑު ކޮމެޓީގެ ނިންމުމާއި ހިލާފަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި ދެވަނަ ކޮންޓްރެކްޓުން ސިޓީ ކައުންސިލަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވަނީ ދެ ކޮންޓްރެކްޓުގެ އަގުވެސް ކައުންސިލަށް ހިއްސާ ކުރައްވަވައިފައެވެ. އެގޮތުން ފުރަތަމަ ކޮންޓްރެކްޓުގެ އަގަކީ 6.1 މިލިއަން ޑޮލަރު ކަމަށާއި ދެވަނަ ކޮންޓްރެކްޓުގެ އަގަކީ 9.6 މިލިއަން ޑޮލަރު ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަފުޅުގައި ދެވަނަ ކޮންޓްރެކްޓުގައިވާ ފައިސާ އަކީ މަސް މާރުކޭޓު ހެދުމަށް ދޭންޖެހޭ އަގު ކަމަށެވެ. ނަމަވެސް އެއީ ކައުންސިލަށް ދެއްކޭނެ އަގެއް ނޫން ކަމަށާއި އަގު ނުދެއްކިއްޖެ ނަމަ އެ ބިން އަތުލެވޭ ގޮތަށް ކޮންޓްރެކްޓު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ކޮންޓްރެކްޓުގައި ސޮއި ކޮށްފައި ވަނީ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު އަލީ ނަސީރެވެ. މޭޔަރު އާޒިމް ވިދާޅުވީ ނަސީރު އޭގައި ސޮއިކުރި ސަބަބާއި އެގޮތަށް ސޮއި ކުރަން ޖެހުނީ ކީއްވެގެންތޯ ބެލުމަށް އޭނާ އަށް މެމޯއެއް ފޮނުވާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މުޅި ޕްރޮޖެކްޓު އޮތީ އޮޅުންބޮޅުމެއްގެ ތެރޭގައި ކަމަށެވެ. މި ވަރަށް މި އޮޅުންބޮޅުން އަރާފައި އޮއްވާ މި ޕްރޮޖެކްޓް ފަށައިގެން ގޮސް މި ފައިސާ ދެއްކޭނެ ގޮތެއް ވެސް މި ޕްރޮޖެކްޓުގައި ފާހަގަ ނުކޮށް އޮއްވާ ފަށައިގަނެގެން ގޮސްފިއްޔާ މިއީ ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ މަސް މާރުކޭޓު ކުއްޔަށް ދީފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީގެ ނިންމުމާ ހިލާފަށް ކަމަށާއި އެހެންވެ އެ އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ސިޓީ ކައުންސިލުން ވަނީ މިމަހުގެ 16ވަނަ ދުވަހު ފާސްކޮށްފައެވެ.