ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާއި ގުޅޭ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
މިއަދު ގެޒެޓުކުރެވުނު މި އުސޫލުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ބަޔާން ކޮށްފައިވެއެވެ. އެ އުސޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާއިރު، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 (ސުމެއް ޕޮއިންޓު އެކެއް) އިންސައްތައަށް ވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެއެވެ.
ރައީސް އޮފީހުން ބުނީ އެއާއެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ދެފުށްފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެން ދާނެ ކަމަށެވެ.
އެ އުސޫލުގައި ބުނެފައި ވަނީ އުސޫލުގައިވާ ކަންކަން ތަންފީޒު ކުރަމުން ގެންދާނީ އެ ދާއިރާތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމާ ބެހޭ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއިން ކަމަށެވެ.
ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޫކުރަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އަމިއްލަ މީޑިއާތަކަށާއި ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ މީޑިއާތަކަށެވެ.
މާލީ އެހީ ދޫކުރުމުގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް:
- ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން ނުވަތަ ހިދުމަތް ދިނުމަށް ޓަކައި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައި ވުން.
- ރަޖިސްޓަރީ ނުވަތަ ލައިސަންސް ހޯދުމަށްފަހު، މެދުނުކެނޑި ހިންގާތާ މަދުވެގެން 3 (ތިނެއް) އަހަރުދުވަސް ވެފައި ވުން.
- އާންމު ފަރާތްތަކުން މީޑިއާއާ މުޢާމަލާތު ކުރެވޭނެ އިންތިޒާމު ގާއިމުކޮށް، އެ މައުލޫމާތު އާންމުކޮށްފައިވުން.
- މީޑިއާގެ ކޯޑް އޮފް އެތިކްސްއާއި، އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައިވުން.
- ޓެކުހާ ގުޅޭ ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން އަންނަ ފަރާތަކަށް ވުމާއި، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަމުން އަންނަ ފަރާތެއްކަމުގައި ވުން.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ަބއިވެރިވެ، އެ ސްކީމަށް ފައިސާ ދައްކަމުން އަންނަފަރާތަކަށް ވުން.
- ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާންތައް އެކުލަވައިލައި، މުވައްޒަފުންގެ މުސާރަ މަހުން މަހަށްއެ މުވައްޒަފެއްގެ އެކައުންޓަށް، ބޭންކު މެދުވެރިކޮށް ޖަމާކުރާ ފަރާތެއްކަމުގައި ވުން.
- މީޑިއާގެ މަސްއޫލުވެރި ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން އަންނަ ފަރާތެއް ކަމުގައި ވުން.
ފައިސާ ދޫކުރަނީ ހާއްސަ ވެރިފިކޭޝަން އަކަށް ފަހުއެވެ. އުސޫލުގައި ބުނެފައިވާ ގޮތުގައި އެ ފައިސާ ދޫކުރަނީ ވެރިފިކޭޝަން އަށް ފަހު 60 ޕަސެންޓު ލިބޭ މީޑިއާތަކަށެވެ.
މިއީ މިފަދަ އުސޫލެއް އެކުލަވާލި ފުރަތަމަ ފަހަރެވެ. މި އުސޫލު އެކުލަވާލާފައި މިވަނީ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާތީއެވެ.
މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުސޫލެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.