މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ހުށަހެޅި ބިލުގެ މަސައްކަތުގައި އުޅުއްވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއުތިރާފުވެއްޖެއެވެ.

އޭނާ މިގޮތަށް އިއުތިރާފުވެ، ވާހަކަ ދައްކާފައި ވަނީ މި ބިލަކީ އަމިއްލަ މެމްބަރަކު މަޖިލީހަށް ހުށަހެޅުއްވި ބިލެއް ކަމަށާއި އެ ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް ބުނެ، މަޖިލީހުގެ ތަޅުމުގައި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވާފައިވަނިކޮށެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްލްހަންނާން އަބޫބަކުރެވެ.

އެ ބިލު ފަރުމާކޮށްދިނުމުގައި ނާޒިމް އެހީތެރިވެފައިވާ ކަމަށް ވާހަކަދެކެވެމުންދަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ އެ ބިލު އެންމެ ފުރަތަމަ މަޖިލީހުން ބޭރުކުރުމުން، އެ ބިލު އަލުން ރިސާޗުކޮށްގެން ތައްޔާރުކުރުމުގައި އޭނާ އުޅުއްވި ކަމާށެވެ.

"އެފަހަރު މި ބިލް އަބާރު ގެންދެވުމާ ގުޅިގެން، އަޅުގަނޑު ބައެއް ރިސާޗު ހެދުމުގެ ކަންތަކުގައި އަޅުގަނޑުވެސް މަސައްކަތް ކުރިން. އެފަހަރު ބިލަށް އިއުތިރާޒު ކުރީ މީޑިއާގެ ބައެއް ބޭފުޅުންނާ އަޅުގަނޑު ވާހަކަ ދައްކާ އެއް ގަނޑަކަށް އެ ހިޔާލުތައް ގެނެވޭތޯ އަޅުގަނޑު މަސައްކަތް ކުރީން،" ނާޒިމް ވިދާޅުވިއެވެ.

މިހާރު ހުށަހެޅިފައިވާ ބިލަކީ ބައިނަލް އަގުވާމީ ވަރަށް ގިނަ މިންގަނޑުތަކަކާ އެއްގޮތަށް ހެދިފައިވާ ބިލެއް ކަމަށް ވިދާޅުވެ، ނާޒިމް ވިދާޅުވީ ސުވިޑެންގެ އިލެކްޓްރޯނިކް ކޮމިނިކޭޝަން ސާވިސްގެ ގާނޫނުގައި އިނގިރޭސީވިލާތުގެ މީޑިއާގެ ގާނޫނާއި ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ޑައިރެކްޓިވްތަކާ އެއްގޮތަށް ބިލު ފަރުމާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެއްވެސް ހިފެހެއްޓުމެއް ނެތި މީޑިއާތަކުން އަބުރަށް އަރައިގަންނަމުންދާ ކަމާށާއި އާންމު މަސްލަހަތު ނަގާލަމުންދާ ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް މީޑިއާތަކަކީ ފައިސާ ދޭ ގޮތަށް ސުރުހީ ޖަހައިދޭ މީޑިއާތަކެއް ކަމަށް ނާޒިމް ތުހުމަތު ކުރެއްވިއެވެ.

"މިހާރު ރާއްޖޭގައި މި އޮތީ ޗެކްބުކް މީޑިއާތަކެއް. ފައިސާ ދިނީމައި ފައިސާ ދޭ ގޮތަކަށް ސުރުހީ ޖަހައިދޭނެ. 100 ޕަސެންޓް. ސުރުހީ ނަގައިވެސް ދޭނެ. އެކަން އޮތް ގޮތް އެއީ. ދުނިޔޭގައި އެކަން ހިނގާ ގޮތް ވެސްމެ،" ނާޒިމް ވިދާޅުވިއެވެ.