އެމްޑީޕީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ނުލިބި، ރައްޔިތުން ނުނުކުމެއްޖެނަމަ، ދިވެހިރާއްޖެ ދުވަހަކު ވެސް ނުދެކޭހާ ފަހަތަށް ސޮއްސާލާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، "ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންނަށް އެއްބާރުލުން ދީ، އަޅުގަނޑުމެންނާ އެކު ނުނުކުމެއްޖެނަމަ، އަޅުގަނޑުމެން ގަބޫލުކުރަނީ ދިވެހިރާއްޖެ ދުވަހަކު ވެސް ނުދެކޭހާ ފަހަތަށް ސޮއްސާލައިގެންދާނެ ކަމަށް" ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީއާ އެކު މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަދި މި ސަރުކާރު ހަމަމަގަށް އެޅުވުމަށް އެއްބާރުލުން ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މާއްޓޭ) ވިދާޅުވީ، މަގުމައްޗަށް ނުކުންނަން ގޮވާލާ ދަނޑިވަޅަކަށް ނުކުންނަން ތައްޔާރުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި މިކަމުގައި ވިޔަފާރިވެރިންނާއި ފްލެޓުވެރިންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން، ގުޅިފަޅު ހިއްކުމާއި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ފެށުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. "މިއީ ދޮގާއި މަކަރާއި ހީލަތް ހެދުމުގެ ސަރުކާރެއް" ކަމަށް ފާހަގަކުރައްވައި، ނޫސްބަޔާނެއް ނެރެގެން އަދި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން މި ސަރުކާރު ހަމަމަގަށް ނޭޅުވޭނެ ކަމަށާއި ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ ސަރުކާރު ބަދަލު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވީ، ކަންމަތީ ފިހާރަތަކާއި ސުޕަމާކެޓްތަކުގެ ވިޔަފާރި 40 ޕަސެންޓަށް ވުރެ ބޮޑަށް ދަށްވެފައިވާ ކަމަށެވެ. "ދުވާލެއްގެ މައްޗަށް 37،000 ރުފިޔާ ލިބުނު ސުޕަމާކެޓްތަކުގައި މިހާރު ދުވަހުގެ ސޭލްސްއަކީ 19،000 ރުފިޔާ. ތިން ފިހާރަ ގެންގުޅޭ ބޭފުޅަކު އަޅުގަނޑަށް ކުރި މެސެޖުއެއީ،" އަމީން ވިދާޅުވިއެވެ. މިއީ ވިޔަފާރިތަކަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާކަން ދައްކުވައިދޭ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.