ދެހާސް ތޭރަވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން ސިޔާދު ގާސިމް ރިޝްވަތު ދެއްވި ކަމަށާއި އަދި ރައްޔިތުން މަޖިލީހުގެ 12 މެންބަރަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޝްވަތު ދެއްވި ކަމަށް ޔާމީން ވިދާޅުވި ވާހަކަފުޅު ދޮގު ކުރައްވައިފިއެވެ.
"އަދަދު އޮންލައިން" އަށް ކުރީގެ ރައީސް ޔާމީން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގާސިމާއި އެމަނިކުފާނުގެ ދަރިކަލުން ސިޔާދު ހައްޔަރުކުރަން ޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫން ކަމަށެވެ. އެ ދެބަފައިން ހައްޔަރު ކުރަޖް ޖެހުނީ އެމަނިކުފާނުގެ ވެރިކަމުގެ ފަހު އަހަރު، 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް އަމުރު ނެރުނު ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލާގައި ކަމަށެވެ.
"ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ފަނޑިޔާރުންނަށް މެލޭޝިއާއިން ގެ އާއި ފްލެޓް ގަނެދިނީ ކޮންބައެއްތޯ ބައްލަވާލައްވާ،" ޔާމީން ވިދާޅުވިއެވެ.
އެކަމާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިއަދު ވިދާޅުވީ ގާސިމާއި އެމަނިކުފާނުގެ ދަރިކަލުންނާ ބެހޭ ގޮތުން ދައްކަވާފައިވާ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަ ދައްކަވާފައިވާތީ އެކަމާއި ގުޅިގެން ޔާމީނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ޖޭޕީ ގާނޫނީ ބޭފުޅުންގެ ފަރާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ޔާމީން ދެއްކެވި ވާހަކަތައް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
ޔާމީންގެ އިންޓަވިއުގައި އެމަނިކުފާނުގެ ވެރިކަމުގައި ޔާމީންގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން ޖަލަށްލާން ޖެހުނީ ކީއްވެގެންތޯ ވެސް ވިދާޅުވެދެއްވިއެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނު ޕާޓީގެ 12 މަޖިލިސް މެންބަރަކު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށީ ރިޝްވަތު ދީގެން ކަމަށެވެ. އެކަން ކުރެއްވީ ރައީސް މައުމޫނާއި ފާރިސް މައުމޫނާ ދެބަފައިން ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެ މެންބަރުންނަށް ރިޝްވަތު ދިނުމަށް ފައިސާ ހޯދީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޖާބިރުގެ އަތުން ކަމަށެވެ.
އެކަމާއި ގުޅިގެން މައުމޫން އޮފީހުން ބުނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެން ނުވާ އެފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
އަދި ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ މެދު ރައީސް މައުމޫން ގެންދަވަނީ ވިސްނަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެއެވެ.