އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން ޢައްޒާ ހިސޯރުކޮށް އިންސާނިއްޔަތާ ހިލާފަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ 44 ޤައުމެއް ގުޅިގެން ފަށާފައިވާ "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ރާއްޖޭގައި ޤައުމީ ފެންވަރުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
ބޮޑު އެއްވުން މާލެ އާއި އަތޮޅުތަކުގެ ރަށްތަކުގައި އެއް ވަގުތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތް މާލޭގައި ފެށުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގައި މާދަމާ ހަވީރު 16:00 ގައެވެ.
ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ މި ބޮޑު އެއްވުން ތިންތިޒާމް ކުރަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިސްވެއޮވެ ހަދާފައިވާ، ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، އެކިއެކި ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން އާއްމުން ހިމެނޭ ސްޓިއަރިން ކޮމިޓީ އަކުންނެވެ. މި ހަރަކާތް އިންތިޒާމްކޮށްފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.
މި ބޮޑު އެއްވުން އިންތިޒާމްކުރާ ކޮމިޓީން ބުނެފައިވަނީ، މި އެއްވުން ރާއްޖޭގައި ކުރިއަށްދާއިރު ހަމަ އެ ދުވަހު އިތުރު ފަސް ގައުމެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޢައްޒާގެ މުސްލިމުންނަށް ޔަހޫދީންގެ އިސްތިއުމާރީ ސިފައިންގެ ފަރާތުން ކުރިމަތިވަމުންދާ އިންސާނިއްޔަތާ ހިލާފް ކަންތައްތައް ކުށްވެރިކޮށް އަދި ޣައްޒާގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލަތު އަންގައިދިނުމަށް ކުރިއަށްދާ ސުލްހަވެރި ހަރަކާތެއްގެ ގޮތުގައެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު އެއްވުން އެއް ވަގުތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ 50 އަށްވުރެ ގިނަ ރަށުގައި ކުރިއަށްދާނޭ ކަމަށް އެއްވުން އިންތިޒާމްކުރާ ސްޓިއަރިން ކޮމިޓީން ބުނެއެވެ.
"ގްލޯބަލް ސުމޫދް ފްލޮޓިއްލާ" މޫވްމަންޓުން ވަނީ ޣައްޒާ އަޅުވެތިކުރުމާ ދެކޮޅަށް މިހާތަނަށް ގިނަ ހަރަކާތްތަކެއް އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ މޫވްމަންޓުން ވަނީ މި ހިނގާ އޮގަސްޓް އަދި ސެޕްޓެމްބަރުމަހު ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މިހަރަކާތްތައް ރާއްޖޭގައިވެސް ކުރިއަށްދާނޭކަމަށް ރާއްޖޭގެ ފަރާތުން އެ މޫވްމަންޓް ތަމްސީލްކުރާ އައިއޭސީން ބުނެއެވެ.