ރާއްޖޭގައި ހެޔޮ ވެރިކަމެއް ކުރުމަށްޓަކައި ވެރިކަން ހިންގުމުގެ ނިޒާމު ޕާލިމެންޓްރީ ނިޒާމަކަށް ބަދަލުކުރަން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވެފައިވަނީ ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހައި، ޖަވާބުދާރީވާ ވެރިކަމެއް އޮންނަން ޖެހޭނެ ކަމަށެވެ.
"ޕާލިމެންޓަރީ ނިޒާމެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ، ހައްދެއް ނެތް ވަރަކަށް އެކެއްގެ އަތަށް ބާރުތައް ނުދެވޭ އަދި ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިއްޖެނަމަ އެ މީހަކު މަޤާމަކު ނުހުރެވޭ،" އަމްރު ވިދާޅުވިއެވެ.
މި އަހަރުގެ ޖެނުއަރީ މަހު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި އަމްރު، ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ހުވަދޫ އަތޮޅު ޕްރޮވިންސްގެ ރައީސްކަން ވެސް ކުރިން ކުރައްވާފައެވެ.
އަމްރު ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ޤާނޫނުއަސާސީގެ ދަށުން 17 އަހަރު ވެރިކަން ކުރެވުނު އިރު ރައްޔިތުންނަށް އިޤްތިޞާދީ، އިޖްތިމާޢީ އަދި ޝަރުޢީ އިންސާފެއް ލިބިފައެއް ނުވެއެވެ.
ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ހަތަރު ރިޔާސީ އިންތިހާބު ބާއްވާފައިވެއެވެ. ކޮންމެ ރިޔާސީ އިންތިހާބަކަށްފަހު، މަޖިލީހުގެ މެޖޯރިޓީ އޭރުގައި ހުންނަވާ ރައީސަކު ހޯއްދަވައެވެ. ނަތީޖާއެއްގެ ގޮތުން އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމަށް ގާނޫނުއަސާސީން ނަގަހައްޓާފައިވާ އަސާސްތައް ދެމެހެއްޓޭ ގޮތެއް ނުވެއެވެ. މަޖިލީހުގެ މެޖޯރިޓީ ރައީސުލްޖުމްހޫރިއްޔާ ނެންގެވުމާ އެކު، ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތަކާއި މާލީ އިދާރާތައް ޒިންމާ އަދާކުރަން ފަސްޖެހެއެވެ. ވެރިކަން ހިންގާ ބާރުގެ މައްޗަށް އެއްޗެއް ބުނަން ފަސްޖެހެއެވެ. ނަތީޖާއެއްގެ ގޮތުން އޭރުގައި ވެރިކަން ކުރަން ހުންނަ ރައީސަކަށް އާދަޔާހިލާފު ބާރުވެރިކަން ލިބި، އޭނާގެ ނުރަނގަޅު ނުފޫޒަށް މުޅި ދައުލަށް އަނބުރާލައެވެ.